ކުޅިވަރު

ބާސެލޯނާއިން ޝައުގުވެރިވާނީ އަހަރެން މޮޅަށް ކުޅޭތީވެ: ބަސްޓޯނީ


ބާސެލޯނާއިން އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅު ކުރާނީ މޮޅަށް ކުޅޭތީވެ ކަމަށާއި އެކަމާ އުފާ ކުރާ ކަމަށް އިޓަލީގެ އިންޓަމިލާނުގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ބުނެފި އެވެ.

އިޓަލީ އާއި ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި އުމުރުން 26 އަހަރުގެ ޑިފެންޑަރަކީ ބާސެލޯނާއިން އެ ޓީމުގެ ފަހަތުގައި ބަހައްޓަން މިހާރު އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔާ އެވެ. އޭނާގެ ކުޅުން ބާސެލޯނާއިން ދިރާސާކޮށްފައިވާއިރު ދާދި ފަހުން އެ ކުލަބުގެ ފުޓްބޯޅަ ޑައިރެކްޓަރު ޑެކޯ އިޓަލީ އަށް ދަތުރުކޮށް ބަސްޓޯނީގެ އެޖެންޓާ ބައްދަލުކޮށްފައިވާ ކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.

މިކަމާ ސުވާލު ކުރުމުން ބަސްޓޯނީ ބުނީ އޭނާ މޮޅަށް ނުކުޅޭނަމަ ބާސެލޯނާ އިން ޝައުގުވެރި ނުވާނެ ކަމަށެވެ.
"އެކަމަކު އެ ޝައުގުވެރިކަމަކާ އަހަރެންނާ އަދި އެއްވެސް ގުޅުމެއް ނެތް. އަހަރެންނާ އިންޓަމިލާނާ ދެމެދުގައި ވެސް ގޯސް ކަމެއް ނެތް. އަހަރެންގެ މި ކުލަބުގައި މިހުރީ ވަރަށް ހަމަޖެހިގެން. އަހަރެން ކުލަބު ބަދަލު ކުރުމާމެދު ނުވިސްނަން. ބާސެލޯނާއިން ޝައުގުވެރިވުމަކީ އަހަރެން ފަހުރުވެރިވާން ޖެހޭ ކަމެއް. އޭގެ މާނަ އަކީ އަހަރެން ދަނީ މޮޅަށް ކުޅެމުންނޭ،" ބަސްޓޯނީ ބުންޏެވެ.

ނަމަވެސް އޭނާ އިންޓަމިލާނާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް ހަމަވާނެ އެވެ. މި އެއްބަސްވުން އައު ކުރަން އިންޓަމިލާނުން ބޭނުންވާއިރު ދެ ފަރާތަށް އަދި މުޅިން އެއްބަސްވުމަކަށް ނާދެވެ އެވެ.
މިކަމާ ގުޅޭ ގޮތުން ބަސްޓޯނީ ބުނީ އިންޓަމިލާނުގެ އެއްބަސްވުން އާ ކުރުމާމެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުލަބާއެކު ކުރިއަށް ދިއުމުގެ ވިސްނުން އޭނާގެ އެބަހުރި ކަމަށެވެ.

ބާސެލޯނާއިން އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޑިފެންޑަރު ހޯދުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން އިޓަލގެ އިތުރުން ޖަރުމަނުގެ ޑިފެންޑަރުން ވެސް ދަނީ ބަލަމުންނެވެ.