ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅަށް 62 އިންސައްތަ ދިވެހިންގެ ތާއީދު އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާ ހަދާފައިވަނީ ބައިނަލްއަޤްވާމީ ޕޯލިންގް މިންގަނޑުތަކާއި އެއްގޮތަށް، ރާއްޖޭގައި މިފަދަ މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީންނެވެ.
މިދިޔަ ނޮވެންބަރ މަހުގެ 23 އިން މިމަހުގެ 1 ވަނަ ދުވަހާއި ހަމައަށް މި ދިރާސާއަށް ފޯނު މެދުވެރިކޮށް ބާނިއިން ވަނީ އާންމުންގެ ޚިޔާލު ހޯދާފައެވެ. އެގޮތުން މިދިރާސާގައި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅާއި ގުޅޭގޮތުން 391 ފަރާތަކާއި ސުވާލުކޮށްފައިވެއެވެ. މިދިރާސާގެ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ދިވެހިންގެ 62 އިންސައްތަ މީހުން ތާއީދު ކުރެއެވެ. ތާއީދު ނުކުރާ ކަމަށް ބުނެފައިވަނީ، އެންމެ 38 އިންސައްތަ މީހުންނެވެ.
މި ދިރާސާއިން ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ބޮޑަށް ތާއީދު ކުރަނީ އަންހެނުންނެވެ. އަންހެނުންގެ 64 އިންސައްތަ މީހުން އެމަނިކުފާނަށް ތާއީދުކުރާއިރު ފިރިހެނުންގެ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރަނީ 60 އިންސައްތަ މީހުންނެވެ. އަދި ފިރިހެނުންގެ ތެރެއިން 40 އިންސައްތަ މީހުން ރައީސްއާ ދޭތެރޭ ހިތްހަމަނުޖެހޭކަން ހިއްސާކުރިއިރު އަންހެނުންގެ ތެރެއިން ހިތްހަމަނުޖެހޭކަމަށް ބުނެފައިވަނީ 36 އިންސައްތަ މީހުންނެވެ.
އުމުރުފުރާއަށް ބަލާއިރު ރައީސަށް އެންމެ ބޮޑު ތާއީދެއް އޮތް ކަމަށް ދައްކަނީ، އުމުރުން 35 އަހަރުން މަތީގެ މީހުންގެއެވެ. އެއުމުރުފާރާތަކުން ރައީސަށް ތާއީދު ކުރާ ނިސްބަތް ހުރީ 66 އިންސައްތައަށް ވުރެ މަތީގައެވެ.
މީގެ އިތުރުން ކުދި އަބާދީ ތަކުގައި ނުވަތަ ރޫރަލް ސަރަހައްދުތަކުގައި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުގެ ނިސްބަތް އާބާދީ ބޮޑު ސަރަހައްދުތަކަށް ވުރެ ގިނަކަން މި ދިރާސާގެ ނަތީޖާއިން ދައްކައެވެ. އެގޮތުން ކުދި އާބާދީތަކުގެ 64 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވާއިރު، އާރބަން ސަރަހައްދުތައް ނުވަތަ ބޮޑެތި އާބާދީތަކުން އެމަނިކުފާނުގެ މަސައްކަތް ޕުޅަށް ތާއީދު ކުރާ ކަމަށް ބުނެފައިވަނީ 58 އިންސައްތަ މީހުންނެވެ.
މި ނަތީޖާ ތަކުން އެމަނިކުފާނު އެޕްރޫވަލް ރޭޓިން 24 ޕޮއިންޓް ކުރިއަށް ޖެހިފައިވާކަން ބާނި އިން ވަނީ ފާހަގަކޮށްފައެވެ.
ބާނި އަކީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އާންމުންގެ ޚިޔާލު ހޯދުމުގެ އެކި ދިރާސާތައް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ބާނިއިން ކުރާ ދިރާސާތަކަށް މައުލޫމާތު އެއްކުރަނީ، ފޯން ކޯލް މެދުވެރިކޮށެވެ. މި ދިރާސާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތަށް ސާމްޕަލް ސައިޒް ނުވަތަ ކުރާ ފޯން ކޯލުގެ އަދަދު ހިމެނެއެވެ. އަދި މިންތީގެ ހަމަހަމަކަމަށާއި އުމުރުފުރާއަށް ބަލައި ޚިޔާލު ހޯދުމުގެ ދިރާސާ ބައިވެރިން ނަގާފައިވުމުން ދިވެހިރާއްޖޭގެ ވޯޓުލާ އުމުރުގެ ގިނަ ފަރާތްތައް ދިރާސާގެ ތެރެއިން ތަމްސީލްވާ ގޮތަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ބާނިއިން ހާމަކޮށްފައިވެއެވެ.
ބާނިއިން ބުނި ގޮތުގައި މިދިރާސާގެ މާޖިން އޮފް އެރާ އަކީ އެންމެ 5 އިންސައްތައެވެ. އަދި ކޮންފިޑެންސް ލެވެލް އަކީ 95 އިންސައްތަ ކަމުން ދިރާސާ ތަކުރާރުކޮށްފި ނަމަވެސް އަންނާނެ ކަމަށް ބެލެވެނީ 5 އިންސައްތައިގެ ފަރަޤެކެވެ. މި ދިރާސާއަށް ގުޅާނެ ފަރާތްތައް ހޯދުމަށް، ބާނިއިން މަސައްކަތް ކުރީ 2 އޮޕަރޭޓަރުންނަށް ނިސްބަތްވާގޮތަށް ނަންބަރ ޖެނެރޭޓަރެއް މެދުވެރިކޮށް 2 ލިސްޓެއް އެކުލަވައިގެންނެވެ. އަދި ހަމަހަމަކަން ޤާއިމްކުރުމަށް ދެ ލިސްޓު އެއްކުރުމަށް ފަހު އަނެއްކާވެސް ނަންބަރުތައް ރެންޑަމައިޒްކޮށް ނުވަތަ ތަރުތީބުތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށް އެ ފަރާތުން ބުނިއެވެ.