ކުރިކެޓަކީ ސްޕޯޓްސް ޓޫރިޒަމްއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެ ކުޅިވަރެއްކަމަށާއި ސަރުކާރާއި ކުރިކެޓް ބޯޑު ގުޅިގެން މިކުޅިވަރު ތަރައްޤީކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅޭކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފުވައްމުލަކު ރީޖަނަލް ޑެވެލޮޕްމެންޓު މެނޭޖަރ ހަސަން މުތީޢު ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މުތީޢު ބުނީ މިކުޅިވަރު ކުރިއެރުވުމަށް ގިނަ ވަޞީލަތްތަކެއް ބޭނުންވާކަމަށެވެ. ރާއްޖެއަކީ ހުނަރުވެރި އެތުލީޓުންތަކެއް ތިބި ޤައުމަކަށްވާއިރު ކުރިކެޓުގައިވެސް ދިމާވާ ގޮންޖެހުމަކީ އެންމެ އެކަށީގެންވާ ވަޞީލަތްތައް ލިބެން ނެތުންކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ދާންޖެހެނީ ނެޗުރަލް ޓާރފް ޕްރެކްޓިސްތަކެއް ނެތި އައުޓްޑޯ ކޯޓުގައި ފަރިތަކޮށްގެންކަމަށާއި އެއީ މުބާރާތްތަކުގައި ވާދަކުރާއިރު ދިމާވާ އެންމެ ބޮޑު ދަތިކަމަށް އޭނާ ފާހަގަކުރިއެވެ.
"ކުރިކެޓަށް ރާއްޖޭގެ މުސްތަޤުބަލު ވަރަށް އުޖާލާ، އެ ކުޅިވަރަކުން ރާއްޖެއަށް އެންމެ ގިނަ ނަފާ ގެނެވޭނެ ކުޅިވަރަކަށް އޮތީ ކުރިކެޓު. މީގަ އިން ޗެލެންޖަކީ ހަމައެކަނި ފެސިލިޓީސް މަދުކަން. ފެސިލިޓީސްއަށް ކުޑަކުޑަ ތަރައްޤީއެއް ގެނެސްގެން ޚާއްސަކޮށް މާލޭ އޭރިއާގަ އެބަޖެހޭ ކުރިކެޓަށް ޚާއްޞަ ފެސިލިޓީއެއް އޮންނަން" މުތީޢު ބުނެފަވެއެވެ.
މުތީޢު ބުނީ ކުރިކެޓު ކުރިއަރުވަން ބޭނުންނަމަ ކުރިކެޓަށް ޚާއްޞަ ނެޗުރަލް ޓާފް ދަނޑެއްގެ މުހިންމުކަން ބޮޑުކަމަށެވެ. އެފަދަ ޓާފެއްގައި ކުދިންނަށް ފަރިތަކުރެވޭނަމަ ކުރިކެޓު ހަލުވިދުވެލީގައި ކުރިއަރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފާހަގަކުރަމުން މުތީޢު ބުނީ ރާއްޖޭގެ ޖޫނިއާ ގައުމީ ކުރިކެޓު ޓީމުން މިހާރު ބައިނަލްއަޤްވާމީ މުބާރާތްތަކަށް ދިއުމުގެ ކުރިން ޖެހެނީ އެހެން ޤައުމެއްގައި ކޭމްޕްކޮށް ޓާފް ދަނޑަށް ހޭނެންކަމަށެވެ. އެއީ މި ކުޅިވަރުގައި ދިމާވާ ގޮންޖެހުމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
"ރާއްޖޭގައި މިވަގުތަށް އިންޓަނޭޝަނަލް މުބާރާތްތަކުގަ ބައިވެރިވެ އެ ޓްރޭނިންގެ ދެވޭވަރުގެ ފެސިލިޓީސްތައް މަދުވީމަ އަންނަ ޗެލެންޖެއް މިއީ" މުތީޢު ބުންޏެވެ.
ސްޕޯޓްސް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފުވެ، އެދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ކުރަމުންދާއިރު ކުރިކެޓަކީ ސްޕޯޓްސް ޓޫރިޒަމްއިން އެންމެ ގިނަ ފައިސާ ޤައުމަށް ވެއްދިދާނެ އެއްކުޅިވަރުކަމަށް މުތީޢު ބުނެފަވެއެވެ. އަދި މިކަމަށް މަގުފަހިކުރުމަށް ސަރުކާރާއި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގުޅިގެން ވިސްނުންތަކެއް ގެންގުޅޭކަމަށާއި އުންމީދަކީ ކުރިކެޓު ޢާއިލާ ދެކެމުންދާ ހުވަފެން އަވަސް މުސްތަޤުބަލެއްގައި ހަޤީޤަތަކަށްވުންކަމަށް އޭނާ ބުނެފަވެއެވެ.
"ސްޕޯޓްސް ޓޫރިޒަމްއިން ރާއްޖެއަށް އާމްދަނީއެއް، ބޮޑު އިމްޕެކްޓެއް ކުރެވިދާނެ ކުޅިވަރެއް ކުރިކެޓަކީ. ކުރިކެޓު ބޯޑުގެ ފަރާތުންނާއި ސަރުކާރުގެ ފަރާތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ވިސްނުންތަކެއް އެބަ ގެންގުޅުއްވާ. އެހެންވީމަ ކައިރި މުސްތަޤުބަލެއްގަ އެކަންކަން ފަހިވެގެން، އިންޓަނޭޝަނަލް ލެވެލްގެ މުބާރާތްތައްވެސް ރާއްޖޭގަ ބޭއްވޭތަން ފެނުމަކީ ވަރަށް އަވަހަށް ދެކެން ބޭނުންވާ ހުވަފެނެއް. އިރާދަކުރެއްވިއްޔާ އެކަންވެގެންދާނެ" މުތީޢު ބުންޏެވެ.
ސްޕޯޓްސް ޓޫރިޒަމް ރާއްޖެއަށް މިހާރު ތަޢާރަފުވެފަވާއިރު، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވި ބޭރު ޤައުމުތަކުގެ އެތުލީޓުން އަންނަނީ މިމުބާރާތްތަކުގަ ވާދަކުރަމުންނެވެ. އެގޮތުން މިއަހަރު ތެރޭގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑް ބޯޅަ މުބާރާތާއި ދާދި ފަހުން މާލޭގައި ނިމިގެން ދިޔަ ކެރަމް ވޯލްޑުކަޕު ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުންވެސް އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ އެކި މުބާރާތްތަކުން ބޭރުގެ އެތުލީޓުންދަނީ ފެންނަމުންނެވެ.