އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ޓީމުގެ ނަތީޖާތައް ދެރަވި ނަމަވެސް ކުޅުންތެރިން ތިބީ ކޯޗު ޒަބީ އަލޮންސޯގެ ފަހަތުގައި ކަމަށް ރެއާލް މެޑްރިޑް ބައެއް ކުޅުންތެރިން ބުނެފި އެވެ.
ރެއާލް އެންމެ ފަހުން ބަލިވީ ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުންނެވެ. މި މެޗަށް ފަހު ވާހަކަ ދައްކަމުން ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި ފޯވަޑް ރޮޑްރީގޯ ބުނީ ޓީމުގައި އެކުލުންތެރިކަން އެބައޮތް ކަމަށެވެ.
"ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ނަތީޖާ ގޯސްކަން. އަހަރުމެން އެންމެން މި ތިބީ އެކުވެރިކަމާއެކު މަސައްކަތް ކުރަން މި ނަތީޖާތައް ރަނގަޅު ކުރަން. ކުޅުންތެރިންގެ އެއްބާރުލުން ކޯޗަށް ލިބޭނެ. އެއީ އަހަރުމެން އެންމެނަށް ވެސް އެނގޭ ކަމެއް،" ކޯޓުއާ ބުންޏެވެ.
އޭނާ މިހެން ބުނީ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން އަލޮންސޯގެ ރޭވުންތެރިކަމާމެދު ހިތްހަމަނުޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ކޯޓުއާ ވެސް ހިމެނޭ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ސިޓީ ކޮޅަށް ރެއާލްގެ ލަނޑު ޖެހި ރޮޑްރީގޯ ވަނީ ޓަޗް ލައިނަށް އައިސް އަލޮންސޯގެ ގައިގަ ބައްދާލައިފަ އެވެ. މިކަމުން ދޭހަކޮށްދެނީ ގަވާއިދުން ޓީމަށް ނޭރި ނަމަވެސް އޭނާއާ ކޯޗުގެ ގުޅުން ރަނގަޅު ކަމެވެ.
ކުޅުންތެރިން މި ގޮތަށް ވާހަކަ ދެއްކި ނަމަވެސް ސްޕޭނުގެ ގިނަ ނޫސްތަކުން ބުނަނީ އަލޮންސޯގެ ވަޒީފާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. މި ގޮތުން ރެއާލް މެޑްރިޑްގެ އެންމެ އިސްވެރިން މި ހަފުތާގައި ބައްދަލު ކުރި ކަމަށާއި އަދި ކުރިއަށް އޮތް ހަފުތާގައި ޓީމަށް ކޯޗުކޮށްދޭނެ ރަނގަޅު ކޯޗަކު ލިބިއްޖެނަމަ އަލޮންސޯގެ މަގާމު ގެއްލޭނެ ކަމަށެވެ.
އައު ކޯޗަކަށް ގެނައުމަށް ރެއާލްއިން މަސައްކަތް ކުރަނީ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ ޒައިނުއްދީން ޒިދާނެވެ.