14 ވަނަ ސައުތު އޭޝިއަން ގޭމްސް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި ގޭމްސް ވިދިވިދިގެން ތިން ވަނަ ފަހަރަށް ފަސްކޮށް ދެން ބާއްވާނެ ތާރިހަކަށް ހަމަޖައްސާފައިވަނީ 2027 ވަނަ އަހަރު އެވެ. ގޭމްސް ބާއްވާނީ އެ އަހަރުގެ ޖަނަވަރީ 23 އިން ފެބްރުއަރީ ހަޔަކަށް ޕާކިސްތާނުގަ އެވެ.
ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ބުނީ މި ގޮތަށް ނިންމީ ޕާކިސްތާން ސަރުކާރާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މި ގޭމްސް ފަސް ކުރުމަކީ ގޭމްސްގެ ތާރީހުގައި އާ ކަމެއް ނޫނެވެ. ގޭމްސް ފަސްވަމުން ދިއުމުގެ ސަބަބުން ވަރަށް ގިނަ އެތްލީތުން މިހާރު ވަނީ މި ގޭމްސްގައި ވާދަ ނުކުރަން ނިންމާފަ އެވެ. ސަބަބަކީ ބައެއް އެތްލީޓުންގެ އުމުރުން ދޮށިވުމާއި އެނޫން ވެސް ތަފާތު ސަބަބުތަކެވެ.
މި ފަހަރުގެ ގޭމްސް ފަސްކުރި މައިގަނޑު އެއް ސަބަބަކީ ޕާކިސްތާނުގައި ގޭމްސް ބާއްވާތީވެ ސަރަހައްދީ ބައެއް ގައުމުތަކުން އެ ގައުމަށް ދަތުރު ކުރަން ބޭނުންނުވުމެވެ. އަނެއް ކަމަކީ ދެކުނު އޭޝިޔާގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން އިންޑިޔާ އާއި ބަނގްލަދޭޝް އަދި ޕާކިސްތާނުގެ މެދުގައި ބޮޑެތި ހިލާފުތަކެއް އުފެދިފައިވުމާއި އޭގެ އަސަރު ގޭމްސް އަށް ކުރާނެ ކަމަށް ބެލެވުމެވެ. އަދި ޕާކިސްތާނަށް ގޭމްސް އަށް މިހާތަނަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރު ނުވެވުން ވެސް ފާހަގަ ކުރެވެ އެވެ.