ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އެތިކްސް ކޮމިޓީން އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ބަލަން ނިންމައިފި އެވެ.
މައްސަލައަކީ އެ ޖަމާއަތުން ސިޔާސީ ކަންކަމުގައި ގެންގުޅޭ ހަމަހަމަކަން އިންފަންޓީނޯ ގެއްލުވާލައި ފީފާގެ ގަވާއިދުތަކާ ހިލާފު ވެފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އެވެ.
އިންފަންޓީނޯގެ މައްސަލައަކަށް ވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މާ ބޮޑަށް ގާތް ގުޅުމެއް ބާއްވައި އެންމެ ފަހުން އޭނާ އަށްޓަކައި އެވޯޑެއް ތައާރަފްކޮށް ދިނުމެވެ. ފީފާއިން މުޅިން އަލަށް މި އަހަރު ތައާރަފްކުރި ފީފާގެ ސުލްހައިގެ އިނާމެވެ. މި އިނާމް ޓްރަމްޕަށް ދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ފީފާ ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ޓްރަމްޕަށް ރަންކުލައިގެ އެވޯޑަކާއި ރަންމެޑަލް އަކާއި ސެޓްފިކެޓެއް ދިނުމަށްފަހު އިންފަންޓީނޯ ވިދާޅުވީ ރައީސުންނަކީ ޓްރަމްޕް ފަދަ ބޭފުޅުން ކަމަށެވެ. އަދި މި އެވޯޑަކީ ދުނިޔޭގެ ހަމަޖެހުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތަށް ދެއްވި އިނާމެއް ކަމަށާއި މިއީ ހައްގު އިނާމެއް ކަމަށެވެ. އަދި އޭނާގެ ތާއީދު އަބަދުވެސް އިންފަންޓީނޯ އަށް އޮންނާނެ ކަމަށެވެ.
މި ވާހަކަތަކާއި އެވޯޑާ ގުޅިގެން އިންފަންޓީނޯ އަށް ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒުވަފަ އެވެ. އޭނާއާ ދެކޮޅަށް ފީފާ އަށް މައްސަލަ ހުށަހެޅީ ވެސް މި ފަދަ ޖަމާއަތަކުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ ފީފާއިން ސުލްހައިގެ އިނާމް ތައާރަފްކުރީ ވެސް ޓްރަމަޕަށް އަމާޒުކޮށް ކަމަށެވެ. އެއީ އޭނާ އަށް ދުނިޔޭގެ ސުލްހަ އަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެންމެ މަތީ އިނާމް ކަމަށްވާ ނޯބަލް ސުލްހައިގެ އިނާމް ނުލިބުމުން ކަމަށެވެ.
ގިނަ ބަޔަކު މިހާރު ބުނަމުންދަނީ ފީފާގެ ރައީސަކު ދުވަހަކު ވެސް ސިޔާސީ ކަންކަމުއި ނޫޅުއްވާ ވަރަށް އިންފަންޓީނޯ އެކަމުގައި ބައިވެރިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އޭނާގެ އަމަލުތަކުގެ ސަބަބުން ފީފާގެ ހަމަހަމަކަން ގެއްލެމުންދާ ކަމަށެވެ.