ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަޤާމަށް ޣަފޫރު އިންތިޚާބުކޮށްފި


  • ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި 66 މެންބަރުން ބައިވެރިވެފައިވޭ

  • ޣަފޫރު އެމަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އިންތިޚާބު ކޮށްފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި 66 މެންބަރުން ބައިވެރިވެފައިވެއެވެ. ޣަފޫރު ވަގުތީ ޗެއަރޕާސަންގެ އެމަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ އެމަޤާމު ފުރުއްވަމުންދިޔަ ފައްޔާޞް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފައްޔާޞް އިސްތިއުފާ ދެއްވާފައިވަނީ ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުުންތަކާއި ގުޅިގެންގެން އެކަންކަން ހައްލު ކުރުމަށް ކުރެއްވި މަސައްކަތަށް އެންމެ އެކަށީގެންވާ ކުރިއެރުން ތަކެއް ނުލިބުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ފައްޔާޞް އިސްތިއުފާ ދެއްވިފަހުން ޕާޓީގެ ޗެއަރޕާސަނެއް ކަނޑައެޅުމަށް މީގެ ކުރިން ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެބައްދަލުވުމުގައި ހިޔާލު ތަފާތުވުން ބޮޑުވެ ޗެއަރޕާސަނަކު ކަނޑައެޅިފައި ނުވެއެވެ.

މިރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަވުމުގައި ޣަފޫރު ވަނީ އޭނާއަށް އިތުރުބާރު ކުރައްވައި އެމަޤާމަށް އިންތިޚާބު ކުރެއްވި ކަމަށްޓަކައި، ޝުކުރު އަދާކުރައްވާފައެވެ.