ޚަބަރު

ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް


  • އެއްވެސް ސިޔާސީ ހައްޔަރީއެއް ނުހުންނާނެ

  • އަޅުގަނޑު ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން

  • ވެރިކަމާއި ހަވާލުވެ ވިދާޅުވި ގޮތަށް ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަމަށް ރައީސް ވިދާޅުވި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަނަށް ބަދަލުގެނެސް ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޖުޑީޝަރީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތް ހިއްސާ ކޮށްދެއްވަމުންނެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބަދަލު ހިފުމުގެ ރޫޙު އިސްކޮށް ސިޔާސީ އޮއިވަރުގެ ތެރެއިން ހިންގޭ އަނިޔާވެރި ޢަމަލުތަކަށް ޖާގަ ދިނުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫންކަމަށެވެ.

މިމަގަށް މަސައްކަތް ކުރުމަށް ޝަރުޢީ ދާއިރާގެ އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވިއެވެ. ސިޔާސީ މީހެއް ހައްޔަރުކުރަން އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެނގި ކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެންދާތަން ފެނުމަކީ ޝަރުޢީ ދާއިރާގެ މިނިވަކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯޓުތައް ހަޤީޤީ މާނައިގައި މިނިވަންކޮށްދޭ ގޮތަށް ހުރިހާ ކަމެއް ހިންގަމުން މިދަނީ،. އެކަން އެބަ ފެނޭ މިހާރު ޑްރަގުގެ މީހުންނަށް ފިޔަވަޅު އަޅާއިރު، ނޫނިއްޔާ އެހެން ކަހަލަ ޢަމަލުތައް ހިންގާފައި ތިބޭ ފަރާތްތަކަށް ފިޔަވަޅު އަޅާއިރު، ހުކުމްތައް ކުރާއިރު، ކުރީގައި އަޅުގަނޑުމެން ބިރުން ފިޔަވަޅު ނާޅައި ތިބޭތަން ފެނުނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ޖުޑީޝަރީގެ މިނިވަންކަމަށް ކުރަން ހުރި މަސައްކަތްތައް ވަކި ތަރުތީބެއްގެ ތެރެއިން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިކަމުގައި އިޝާރަތް ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރެއްވުމުގެ މަސައްކަތަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ވަޢުދެފުޅެކެވެ.

"އިރާދަ ކުރެއްވިއްޔާ ޖުޑީޝަރީ މިނިވަން ވެގެންދާނެ. ކުރިއަށް އޮތްތާގައި އަޅުގަނޑު ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ޤާނޫނީ އިސްލާހުވެސް ހުށަހަޅާނަން. ކޮންމެ ކަމެއްވެސް އެކަމެއް އޮންނަ ތަރުތީބުން ކަންކަން ގެންދަން ޖެހޭނީ. ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ. ދެން ހުންނަ ފިޔަވަޅުތައް އަޅާއިރުވެސް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއަންނަ އަހަރު ބަޖެޓުގައި ސެކްޓޯރަލް ބަޖެޓެއް ޝަރުއީ ދާއިރާއަށް ހާއްސަކުރެއްވާފައިވަނީ ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށެވެ. އަދި ދާދިފަހު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ތެރެއިން މިދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.