ޖެނުއަރީން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިހާރު އެ ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އާންމު މެންބަރުންނަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިވުމަށް ހުށަހެޅޭ ގޮތް މިހާރު ހަމަޖައްސާފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާން އެދޭ ހާލަތުގައި ވަގުތު ނަގާނެ ކަމަށް ސަލާހު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަނާއި، ރައީސާއި، ހަޒާންދާރާއި، ރަޖިސްޓްރާ ފަދަ މަޤާމުތަކަކީ ކޮމިޝަނުގެ ރެކޯޑުގައި ހިމެނެންޖެހޭ ބަޔަކަށްވާތީ ނަގާ ވަގުތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ. އަދި ޤާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލަރުންވެސް ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ ބޭފުޅެއް ވިޔަސް ޕާޓީން ވަކިވާން ޕޯޓަލް މެދުވެރިކޮށް އެދުމުން އަންނަ ޖެނުއަރީ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ޕްރޮސެސް ކުރުމަށް 3 ދުވަހުގެ މުއްދަތެއް މިހާރު ނަގާކަން ފާހަގަކުރައްވައި ސަލާހު ވިދާޅުވީ، އެކަންވެސް ވަގުތުން ކުރެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ. މިއީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަޤާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް، 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭ ކަމުގެ ޝަކުވާތަކާއި، ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާތަކުގެ ސަބަބުން ގެންނަ ބަދަލެއް ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.