ނިމިދިޔަ ހަފުތާގައި އަވަށްޓެރި ސްރީލަންކާއަށް އެރި ތޫފާނަކީ އެ ޤައުމަށް މިހާތަނަށް އެރި އެންމެ ގެންލުން ބޮޑު އަދި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ. އިޤްތިޞާދީ ބޮޑު އަނދަވަޅަކުން އަރައިގަންނަމުން ދިޔަ ލަންކާއަށް މި ތޫފާން ކުރިމަތިކުރުވީ ހާލަތަކީ އެ ޤައުމަށް އެކަނި އުފުލޭވަރަށް ވުރެ ބޮޑު ބުރައެކެވެ.
ތޫފާން ދިތުވާގެ އަސަރު ކުރަން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ތޫފާނުގައި 48 ގަޑިއިރު ތެރޭގައި ލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ ސަބަބުން ކޯރުތައް ބަނޑުންވެ ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވިއެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއެކު މި ތޫފާން ވެގެން ދިޔައީ އެތައް ބައެއް ފުރާނަ ގެއްލުނު އިންސާނީ ބޮޑު ކާރިސާއަކަށެވެ.
އަވަށްޓެރި ސްރީ ލަންކާއަށް މި ކުރިމަތިވި ކާރިސާއާއި ގުޅިގެން އެކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުރާނަ ގެއްލުނު ފަރާތްތަކަށް ތަޢުޒިއްޔާ ވިދާޅުވެ، އެދަތި ދަނޑިވަޅުގައި ިވެހިންތިބީ ސްރީލަންކާގެ ރައްޔިތުނާއެކު ތިބިކަން ހާމަކުރައްވާފައެވެ. ގިނަ ދިވެހިންގެ އެޤައުމަކަށް ދިއުމުން އަމިއްލަ ވަޒަނަށް ދެވުނުކަމުގެ އިޙްސާސްކުރެވޭ ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އަތް ދިއްކޮލީ ދިވެހިރާއްޖެއިންންނެވެ. ދިވެހި ސަރުކާރުން، ފުރަތަމަ ހަމަޖެއްސެވީ 50،000 ޑޮލަރުގެ މާލީ އެހީ އަދި 25،000 ކޭސް މަސްދަޅު އެ ޤައުމަށް ހަދިޔާ ކުރުމަށެވެ. އެއީ ސަރުކާރުގެ ނިންމުމެވެ. ނަމަވެސް ދިވެހި ރައްޔިތުން އެވަރަކުން ފުއްދައެއް ނުލައެވެ.
ޕަބްލިކް ސާވިސް މީޑިއާ އިސްނަގައިގެން ރާއްޖޭގެ 37 މީޑީއާއަކާއި ގުޅިގެން ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔައެވެ. މިގޮތަށް ޓެލެތޯން ބާއްވާ ޤައުމުތަކަށް އެހީވުމަށް މަސައްކަތް ކުރުމަކީ ދިވެހިންނަށް އައު ކަމެއް ނޫނެވެ. މިމަސައްކަތް ފެށިއިރު އެ ޓެލެތޯން މެދުވެރިކޮށް އެވަރުގެ ބޮޑު އެހީއެއް ލިބޭނެކަމަށް ބަޔަކު އުންމީދެއްވެސް ނުކުރެއެވެ. ޖުމްލަ 29 ގަޑިއިރަށް ދެމިގެން ދިޔަ ޓެލެތޯނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. "ސިލޯނާއެކު ދިވެހީން" ތިބި ކަން ހާމަކޮށްދިނީ، އެ ޓެލެތޯނަށް ފައިސާ ހަދިޔާ ކުރަން ދައުލަތުގެ އިދާރާތަކާއި އެކި މުޢައްސަސާތަކާޢި އަމިއްލަ ކުންފުނިތަކުން ދެއްކި ނަމޫނާއިންނެވެ. ވަކި ވަކި ފަރުދުން ފެންވަރުގައި ފަނޑުފޮށިތައް ބަހައްޓައިގެން ފައިސާ ހޯދިއެވެ.
މި ޓެލެތޯން މެދުވެރިކޮށް ޖުމްލަ 800،352 ޑޮލަރު ލިބިފައިވެއެވެ. މިއީ ހަމައެކަނި ޓެލެތޯނުން އެއްކުރެވުނު އަދަދެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިން ވަނީ ސީދާ އެ ބޭފުޅުންނާއި އެބޭފުޅުންގެ ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން ދެއްވާ އެހީތައް ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާއި ހަވާލުކޮށްފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިން އަމިއްލައަށް އިސްނަގައިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ހަރައްކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވަނީ ދިވެހިން ސްރީލަންކާއަށް ދިން އެހީގެ އަދަދު 2.4 މިލިޔަން ޑޮލަރު ހުރަސްކުރާނެ ކަމަށް ވިދާޅުވެފައެވެ.
I am grateful to President @MMuizzu for his kind message and for the generous support extended by the Maldives to Sri Lanka. The solidarity demonstrated by our neighbour has been deeply reassuring to our people and reflects the strength of our longstanding relationship.
— Anura Kumara Dissanayake (@anuradisanayake) December 3, 2025
ޓެލެތޯން މެދުވެރިކޮށް ލިބުނު ފައިސާއަށް ޚަރިޖީ ވުޒާރާއި ހަވާލުކޮށްފައިވާއިރު، މި އެހީތެރިކަން ލަންކާ ސަރުކާރާއި ރައްޔިތުން ބަލަައިގަތީ ޝުކުރުވެރިކަމާއެކުއެވެ. ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވީ ރާއްޖެއިން ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ދައްކުވައިދިން އޯގާތެރިކަމަކީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން ދައްކުވައިދޭކަމެއްކަަމަށްވެސް ލަންކާގެ ރައީސް ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ދީލަތި އެހީ ސްރީލަންކާގެ ރައްޔިތުން ބަލައިގަތީ ޝުކުރުވެރިކަމާއެކުއެވެ. މީސްމީޑިއާގައި ސްރީލަންކާގެ ރައްޔިތުން ފާޅުކޮށްފައިވާ ޝުޢޫރުތަކުން މިކަން ފެނިގެންދިޔައެވެ. ޤައުމީ ހަރަކާތެއްގެ ތެރެއިން ދިވެހިން ދައްކުވައިދިނީ އަވަށްޓެރިންނަށް އެހީވުމުގައި ޤައުމާއި އާބާދީގެ ކުޑަބޮޑުމުން އަދި މުހިންމު ނޫން ކަމެވެ. ބައެއް ބޮޑެތި ޤައުމުތަކަށް ވުރެ ދިވެހިންގެ ވެދިން އެހީތެރިކަން ބޮޑެވެ. ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި ބޭރު ޤައުމުތަކަށް ދައްކުވައިދިނީ ދިވެހިންގެ ދީލަތިކަމާއި ދިވެހިންގެ އެއްބައިވަންތަކެވެ. އަވަށްޓެރިންނަށް އެހީވުމުގައި ދިވެހިން ކުޑަ ޤައުމެއް ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމެވެ.
ލަންކާ ރައްޔިތުންގެ ފަރާތުން ދިވެހިން ދެއްކި ނަމޫނާ ބަލައިގަނެ އެކަމުގެ އަގުވަޒަންކުރުމުގެ ހަރަކާތެއްގެ ގޮތުން މާލޭގައި މިއަދު ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ދިވެހިންނަށް ޝުކުރު އަދާކުރުމަށް ބޯޑުތައް ހިފައިގެން ހަވީރު ގަޑީގައި ވިލާ ކޮލެޖާއި ސްވިމިން ޓްރެކް ސަރަހައްދުގައި ހިމޭން އެއްވުމެއް ބާއްވާނެއެވެ. މި ހަރަކާތަކީ ދިވެހިން ވެދިން އެހީތެރިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމުގެ ޔަޤީންކަން ދިނުމަށް ހިންގާ ހަރަކާތެކެވެ.