ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ 1 ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމުން ގޯއްޗަށް ކުރިމަތިލެވޭނޭ ގޮތްތައް ހެދުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކަމުންދަނީ 2 ޑްރެޖަރުން ބޭނުންކޮށްގެންކަމަށާއި، މިއަހަރު ނިމުމުގެ ކުރިން މި ފިޔަވަހި އެއްކޮށް ހިއްކާ ނިމި، ގޯތިތައް ދޫކުރެވެން ފެށޭނެކަމަށެވެ.
މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ގުޅީފަޅު ބިން ހިއްކުމަށް މި 2 ޑްރެޖަރު ބޭނުންކުރެވޭނެކަމަށާއި، ގާތްގަނޑަކަަށް ދެތިން މަސްދުވަހުގެ ތެރޭގައި ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގުޅީފަޅުން ގޯތިލިބުނު ފަރާތްތަަކަށް އެއީ ބްރިޖު ސައިޓުންނާއި ބީޗްސައިޓާއި މިކަހަލަ ސައިޓްތައް ފިޔަވައި އެހެން ހުރިހާ ތަނެއްގައި މިހާރު މިވަނީ ގޯތި ދޫކުރެވިފައި. ނޫގުޅޭ ފަރާތްތަކަށް ނުވަތަ ކޮންޓެކްޓް ނުކުރެވޭ ފަރާތްތަކަށްވެސް މިހާރު އެދަނީ ގުޅަމުން އަދި އެބޭފުޅުންނަށްވެސް ހަވާލުކުރަމުން މިދަނީ. ދެން މިއަހަރުގެ ބަޖެޓުގެ ތެރެއިން މިހާރު މިވަނީ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2 ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިމޭއިރަށް އެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަައް ދޫކުރެވެން ފެށޭނެކަމަށެވެ. މީގެ އިތުރުން، ރަސްމާލޭގައި ހިއްކާ ބިމުން 15،000 ގޯތިދޫކުރުމަށް މިހާރު އުސޫލެއް އެކުލަވާލާފައިވާކަމަށާއި، އަންނަ ޖަނަވަރީމަހުގެ ތެރޭގައި މި ގޯތިތަަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނެކަމަށެވެ.
"މީގެ ނަތީޖާއަކަށް ވާނީ ފުރަތަމަ ފިޔަވަހި އެއީ 10،000 ގޯތި ދޭނިމޭއިރުގައި އަޅުގަނޑުމެން ބަލާނީ ދެން ގޯތި ނުލިބި ތިބީ ކިތަައް ފަރާތަކަށްތޯ، އަޅުގަނޑުގެ ވަޢުދުގައި ބުނާ 18 އަހަރު ފުރިފަ ތިބި ފަސްޓް ހޯމް ނުލިބޭ ފަރާތްތައް. އޭރުން ދެވެނަ ފިޔަވައްސަކަަށް ހުޅުވާލާނީ." ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު، ރައްޔިތުން އެދެމުންދާގޮތަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ 1 ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމަށްފަހު ގޯއްޗަށް ލެވޭނޭގޮތްތައް ހެދުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަލަތު ކައިވެނިގެ ފްލެޓްތަކަށް ވީގޮތުގެ ތަފްސީލުވެސް ރައީސް ވަނީ ދެއްވާފައެވެ.
"އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި އެ ފްލެޓްތައް އެއްކޮށް ދީފަ އެހުރީ. އެހެންވެ އެތަަންތަން ނެތީ. އެހެންނަމަވެސް އަޅުގަނޑުމެން ވެފައިވާ ވަޢުދެއް އެއީ ކުރީ ސަރުކާރުން ފްލެޓްތައް އަތުލާފަ ވީބަޔަކަށް ވެއްޖެއްޔާ ސަރުކާރުން ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން އެ ފްލެޓްތައް އެ ބަޔަަކަށް ދޭނެކަމަށް. އެހެންމަ އެކަންކަން އަޅުގަނޑުމެން އެގޮތަށް ކުރިއަށްދާނަން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި 15،000 ގޯތި އެއްކޮށް ދޫކޮށް ނިމުމާއެކު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ