މިސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމްގެ ދެ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
07 ވަނަ ކެރަމް ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވައި ވާހަކަފުޅު ދައްކަވަމުން މުޅި ރާއްޖެއަށް ކެރަމް ފުޅާކޮށް ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ތައްޓަށް ކުޅެވޭ މުބާރާތެއް ރާއްޖޭގައި ބާއްވަން ސަރުކާރާއި އެސޯސިއޭޝަނުން ކުރި މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ކުޅިވަރުގެ ތެރެއިން ޓޫރިޒަމް ފުޅާ ކުރެއްވުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މި ތަސައްވަރު ފުރިހަމަވެގެން ދާނީ ރާއްޖެއިން ފޯރުކޮށްދޭ މެހްމާންދާރީގެ އިތުރުން ރާއްޖޭގެ ރީތިކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މި ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
" 07 ވަނަ ކެރަމް ވޯލްޑްކަޕް ރާއްޖޭގައި ހޯސްޓުކުރުމުން ދޭހަވަނީ ހަމަ އެކެނި އެތުލީޓުންނަށް މަރުހަބާ ކިޔަން އޮތް ގައުމެއް ނޫންކަމަށް. ކުޑަ ގައުމަކަށް ވެސް މި ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ކަން، ހަމަ އެހެންމެ މިއީ ބައިނަލްއަގުވާމީ ގޮތުން ލިބިގެންދާ މުހިންމު ތަޖުރިބާއެއް." ރާފިއު ވިދާޅުވިއެވެ.
މިމުބާރާތުގައި ޖުމްލަ 17 ގައުމަކުން 150 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތް ރަސްމީކޮށް މިރޭ ފެށިނަމަވެސް މިއަދު ހެނދުނު ނުވައެއް ޖެހިއިރު މިމުބާރާތުގެ ކުޅުންވަނީ ފެށިފައެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައެވެ.