ކުޅިވަރު

17 ގައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ ކެރަމް ވޯލްޑްކަޕު ރާއްޖޭގައި ފަށައިފި


  • މިމުބާރާތުގަ 17 ގައުމަކުން 150 އަށްވުރެ ގިން އެތުލީޓުން ވާދަކުރޭ

  • މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންދަނީ ރަނގަޅު ކުޅުމެއް ދައްކަމުން

ހަތްވަނަ ކެރަމް ވޯލްޑްކަޕު މިރޭ ރާއްޖޭގައި ފަށައިފިއެވެ.

މިމުބާރާތް ފެށުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ކުޅިވަރު ވަޒީރުގެ އިތުރުން މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިތުރު ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ބައިނަލްއަގްވާމީ ކެރަމް ފެޑެރޭޝަންގެ ރައީސް ޖޯސެފް މެޔާރސްގެ އިތުރުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

މިމުބާރާތުގައި ޖުމްލަ 17 ގައުމަކުން 150 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތް ރަސްމީކޮށް މިރޭ ފެށިކަމަށްވިޔަސް މިއަދު ހެނދުނު ނުވައެއް ޖެހިއިރު މިމުބާރާތުގެ ކުޅުންވަނީ ފެށިފައެވެ.

ރާއްޖޭގެ 8 ކުޅުންތެރިއަކުވެސް މިމުބާރާތުގައި ވާދަކުރަމުން އަންނައިރު އަންހެން ޑަބަލްސް އިވެންޓްގެ ލޯ މެޑަލް މެޗުގައި ގައުމީ ކެރަމް ޓީމުގެ އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއަރއިންވަނީ ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ. މިމެޗުގައި ނަހުފާ އާއި ފައިނާޒް ކުޅެން ޖެހުނީ ސެމީ ފައިނަލުގައި، އިންޑިއާގެ ހާޒިމާ އާއި މިތުރާގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވުމުންނެވެ. މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 25-09، 18-13 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކޮށްފަވާ އާމިނަތު ވިދާދް އާއި ފާތިމަތު ރަޔާނާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި ރާއްޖޭގެ ޕެއަރ ވާދަކުރީ އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާއާއެވެ. މިމެޗުން ރާއްޖޭގެ ޕެއަރ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. އެ ގޮތުން، ފުރަތަމަ ސެޓު، އެމެރިކާއިން 18-17 އިން ކުރިހޯދާފައިވަނިކޮށް، ވިދާދާއި ރަޔާނާގެ ޕެއާ ވަނީ ދެން ކުޅުނު ސެޓުން 18-17 އިން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރެން ކުޅުނު ސެޓު އެމެރިކާގެ ޕެއަރ ނަގާފަވަނީ 22-08 އިންނެވެ.

މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގައި، ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ވެސް ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެހެންނަމަވެސް އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާވަނީ މިމެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-7 އަދި 25-1 އިންނެވެ.