ކުޅިވަރު

އަހަރެންނަށް މިހާރު ރަނގަޅަށް ނުވެސް ނިދޭ: ލިވަޕޫލް ކޯޗު


އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ލިވަޕޫލް ބަލިވެ މިއިން ޒަމާނަކު ނުދާހާ ޓީމުގެ ނަތީޖާތައް ދަށްވުމުން އޭނާ އަށް މިހާރު ނުވެސް ނިދޭ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލް އެންމެ ފަހުން ބަލިވީ ޗެމްޕިއަންސް ލީގުގައި ނެދަލޭންޑްސްގެ ޕީއެސްވީ އަތުންނެވެ. މިއާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރެމިއާ ލީގުގައި ވެސް އެ ޓީމުގެ ޓާގެޓާ ހަމައަށް ދަތުރު ކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ޕީއެސްވީ އަތުން ބަލިވުމުން ސަޕޯޓަރުން ވަނީ މެޗަށް ފަހު ލިވަޕޫލްގެ ކޯޗާއި ކުޅުންތެރިންނަށް ވެސް މަލާމާތް ކޮށްފަ އެވެ.

"ހެނދުނު ތާޒާކަމާއެކު ހުރުމަށް ބޭނުންވާ ވަރަށް އަހަރެންނަށް މިހާރު ނުނިދޭ. އަހަރުމެން ނަތީޖާތައް ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ. އަހަރުމެން ވަރަށް ބޮޑަށް އެ މަސައްކަތް ކުރަން މިއޮތީ ޖެހިފައި،" މިދޔަ ސީޒަނުގައި ޓީމާ ހަވާލުވެ އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް މެނޭޖްމަންޓްގެ އިތުބާރު އޭނަ އަށް އެބައޮތް ކަމަށެވެ.

"ކޮންމެ ދުވަހަކު އެ މީހުން އަހަރެންގާތު އެ ވާހަކަ ނުބުންޏަސް އަހަރެންގެ ފުރަތަމަ ދުވަހާ އެއްގޮތަށް ގުޅުން ވަރަށް ރަނގަޅު. އެ މީހުން އަހަރެންނަށް އިތުބާރު ކުރޭ. އެކަމަކު އެއާއެކު އަހަރެން ވެސް ނަތީޖާތައް ރަނގަޅު ކުރަންޖެހޭ. ޓީމު ބަލިވަންޏާ ޒިންމާވާން ޖެހޭ މީހަކީ އަހަރެން. އަހަރެން ކަމެއް ކުޅުންތެރިން ލައްވައި ނަތިޖާ ނެރުމަކީ،" ކޯޗު ބުންޏެވެ.

މި ސީޒަނަށް ތައްޔާރުވާން ލިވަޕޫލުން ވަނީ 450 މިލިއަން ޑޮލަރު ހަރަދުކޮށް ބޮޑު އަގުގައި ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. ނަމަވެސް ގެނައި އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން މިހާތަނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހެންވެ ސްލޮޓަށް ވަނީ ތަފާތު ފާޑުކިއުންތައް އަމާޒުވެފަ އެވެ.