ޚަބަރު

ބާސެލޯނާ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް


  • ބާސެލޯނާ އާއި ވާދަކޮށް ޗެލްސީ މޮޅުވީ 3-0 ގެ ނަތީޖާއަކުން

  • މި މެޗުން ޗެލްސީ މޮޅުވުމުން އެ ޓީމަށް ވަނީ 10 ޕޮއިންޓާއެކު ތާވަލުގެ 5ވަނަ މަގާމް ލިބިފަ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު 3-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ މި ހަފްތާގައި ލީގުގައި ކުޅުނު މެޗުގައި އަރާމު ކުރަން ފުރުސަތު ދިން ގަރްނާޗޯގެ އިތުރުން މޯސެސް ކައިސޭޑޯ ފުރަތަމަ ޓީމުގައި ހިމަނާފައެވެ.

މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފައެވެ. ބާސެލޯނާ އަށް ފަސް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

ޗެލްސީ އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 27 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލައެއް ޖޫ ކުންޑޭ ސާފު ކޮށްލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.

ބާސެލޯނާ އަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ދިން ޕާހަކުން އުމުރުން 18 އަހަރުގެ ޒުވާން ފޯވަޑް އެސްޓެވާއޯ ވިލިއަމް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ޗެލްސީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިއާމް ޑެލަޕް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ފުރަތަމަ ރެފްރީ ނިންމި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އިތުރަށް ބެލުމަށްފަހު އެއީ ރަގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގައި ޗެލްސީ އިން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.