ޚަބަރު

މޯލްޑިވިއަނުން ކޮޗިންއާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަނީ


  • ދަތުރުތައް އިތުރުކުރަނީ، ޑިސެމްބަރ 19 އިން ފެށިގެން

  • މި 2 މަންޒިލަށް ހަފްތާއަކު 5 ދަތުރުކުރާ ގޮތަށް ވަނީ ނިންމާފައި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ 2 މަންޒިލަކަށް ކުރަމުން އައި ދަތުރުތައް އަންނަ މަހުން ފެށިގެން އިތުރުކުރާ ގޮތަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ކުރަމުން އައި ދަތުރުތައް އިތުރު ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މި ދަތުރުތައް އިތުރުކުރަނީ، ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޑިސެމްބަރު 19 އިން ފެށިގެން މި 2 މަންޒިލަށްވެސް މޯލްޑިވިއަނުން ކުރަމުން އައި ދަތުރުތައް 5 ދަތުރަށް އިތުރު ކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިހާރު މިމަންޒިލްތަކަށް ކުރަނީ، ކޮންމެ މަންޒިލަކަށް ހަފްތާއަކު 4 ދަތުރެވެ.

މޯލްޑިވިއަނުން ވަނީ، މި ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަޤްވާމީ 2 ޤައުމެއްގެ 5 މަންޒިލަކަށެވެ. އެއީ، ޗައިނާގެ 3 ސިޓީއަކަށާއި، އިންޑިއާގެ 2 ސިޓީއަކަށެވެ.

މޯލްޑިވިއަނުން ދަނީ، އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.