ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ މީގެ ސަބަބަކީ ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމުގައިވާތީކަމަށެވެ.
މާލީ ވުޒާރާއިން ހާމަކުރިގޮތުގައި، މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރ މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށެވެ. އަދި 1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މާލީ ވުޒަރާއިން މައުލޫމާތުދެއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެއެވެ. ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.