ޚަބަރު

ކަރަންޓުގެ މަސައްކަތްތައް ދަސްކުރުމަށް ހިންގި ކޯސް 116 އަންހެނުން ފުރިހަމަކޮށްފި


  • މި ކޯސް ކުރިއަށްގެންދިޔައީ 7 ބެޗަކަށް ބަހާލައިގެން

  • ކަރަންޓުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ތަމްރީންތައް ދީފައިވޭ

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ފަށާ ފެންވަރުގެ ކަރަންޓު މަސައްކަތުގެ ކޯސް “ބިގިނަރސް އިލެކްޓްރިކް ކޯސް ފޯ ވިމަން” 116 އަންހެނުން ފުރިހަމަކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ސްޓެލްކޯއިން ފަހިކޮށްދިން މި ފުރުޞަތަކީ، ކަރަންޓުގެ މަސައްކަތްތަކަށް އަންހެނުން ޝައުގުވެރިކަން އިތުރުކޮށް ފިރިހެނުންނެކޭ އެއްގޮތަށް މިފަދަ ހުނަރާ ތަޖުރިބާ ލިބިފަވާ ބަޔަށް ހެދުމެވެ.

އާއްމުކޮށް ހުޅުވާލައިގެން ސްޓެލްކޯއިން ކުރިއަށްގެން މި ޕްރޮގްރާމް 116 އަންހެނުން ފުރިހަމަކުރިއިރު، މި ރަސްމިއްޔާތުގެ ތެރެއިން 80 އަންހެނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 3 ދުވަހަށް، ކޮންމެ ދުވަހަކު 3 ގަޑިއިރަށް ތަމްރީން ޕްރޮގްރާމް ހިންގާފައިވެއެވެ. ކޯހުގެ ބައިވެރިންނަށް ކަރަންޓުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ތަމްރީންތަކާއި ތަޖުރިބާ ވަނީ ދީފައެވެ.

އެގޮތުން ގޭތެރޭގައި އާއްމުކޮށް ބޭނުންކުރާ ކަރަންޓުގެ ވަސީލަތްތަކަށް ދިމާވާ ދަތިތައް ރައްކާތެރިގޮތުގައި ޙައްލުކުރުމާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އަދި ގޭތެރޭގައި ކަރަންޓު އިޤްތިޞާދު ކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވީ، މިއީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް އެކި ދާއިރާތަކުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ދިނުމަށް ހިންގަން ނިންމި ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ހުނަރުތައް ތަރައްޤީވުމުގެ އިތުރުން، އާމްދަނީ ހޯދޭނެ ދާއިރާތަކަށް ދޮރު ހުޅުވާލަދިނުންވެސް ހިމެނޭކަމަށް ޝަމާހު ވިދާޅުވިއެވެ.

"ތަމްރީން ދީފަވަނީ ސްޓެލްކޯގެ އެންމެ ތަޖުރިބާކާރުން. މިއީ އިތުރަށް ތަރައްޤީކޮށް އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވޭނެ ފުރުޞަތެއް. ބޮޑު ތަރުހީބެެއް ވަނީ ލިބިފައި." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވިއެވެ.

މިއީ ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން 16 އަހަރުން މަތީގެ އަންހެނުންނަށް ހުޅުވާލައިގެން މުޅިން ހިލޭ ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެކި އުމުރުފުރައިގެ އަންހެނުން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ.

މިދާއިރާއިން ތަމްރީނާ ހުނަރު ތަރައްޤީކުރުމަށް ޚާއްސަކޮށް ސްޓެލްކޯއިން ވަނީ ތުލުސްދޫގައި، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީގެ ނަމުގައި ޚާއްސަ ޓްރެއިނިން ސެންޓަރެއްވެސް ވުޖޫދުކޮށްފައެވެ. މިއީ އެއްފަހަރާ 50 މީހުންނަށް ތަމްރީންދެވޭ ވަސީލަތްތަކާއެކު ތަރައްްޤީކޮށްފަވާ ތަނެކެވެ.