މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމުކުރަމުންދާ ސްކޭޓިން އެރީނާއަކީ އެތުލީޓުންގެ އުއްމީދުތަކާ ގުޅިފައިވާ ބިނާއެއްކަމަށާއި އެ ސްކޭޓް އެރީނާއިން މިހާރުވެސް ފެންނަނީ އުފާވެރި މަންޒަރެއްކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވެއްޖެއެވެ.
ސްކޭޓިންއަށް ހުރި ދަތިތައް ފިލުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަގީންކަމާއެކު އަލަށް ބިނާ ކުރަން ފެށި ސްކޭޓިން އެރީނާގެ ބިންގާ އަޅައިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވައިފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމެވެ.
މާލޭ އުސްފަސްގަނޑުގައި މުޅިން އަލަށް ތަރައްޤީކުރާ ސްކޭޓް އެރީނާގެ މަސައްކަތަކީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެރީނާ ތަރައްގީކުރަނީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށެވެ.
މާލޭ އުސްފަސްގަނޑު ސަރަޙައްދުގައި ހަލުވި ދުވެލީގައި ކުރިއަށްދާ މަޝްރޫޢާ ގުޅޭގޮތުން އެތަނުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހާނިމް ވިދާޅުވީ މަސައްކަތް ކުރިއަށްދާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އެމަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ކުޅިވަރު ވުޒާރާއިން ރޭވިގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޭޓަރުންގެ އުންމީދުތަކާއި ގުޅިފައިވާ ސްކޭޓް އެރީނާއިން މިހާރުވެސް ފެންނަނީ އުފާވެރި މަންޒަރެއްކަމަށް ހާނިމް ވިދާޅުވިއެވެ.
"އެބޭފުޅުންގެ މަސައްކަތާ ދޭތެރޭ އަޅުގަނޑުމެން އެއްވެސް ސުވާލެއް ނުއުފައްދަން. ގެންދާ ސްޕީޑްވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު. މަސައްކަތާ ދޭތެރޭގަ ދަންނަވާނީ މަސައްކަތް އެދަނީ އެބޭފުޅުން މަސައްކަތް ކުރާ ފަރާތާ ކުޅިވަރު ވުޒާރާއާއި ދެފަރާތް ދެމެދު އެއްބަސްވެވިފަ އޮތް ގޮތަށް" ހާނިމް ވިދާޅުވިއެވެ.
އަލަށް ޤާއިމުކުރަމުންދާ ސްކޭޓް އެރީނާ ފަރުމާކޮށްފައިވަނީ އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ޚާއްސަ ޖާގައާއި، ސްކޭޓް ބޯޑް ދުއްވުމަށްވެސް ވަކިން ސަރަހައްދެއް ކަނޑައެޅިފަވާގޮތަށެވެ. މި ފެސިލިޓީގެ މަސައްކަތް ނިމުމުން މި ދެ ކުޅިވަރަށްވެސް ޚާއްސަ ވެފައިވާ ކުދިންނަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެކަމަށް ހާނިމް ވަނީ ވިދާޅުވެފައެވެ.
"ޖުމްލަގޮތެއްގަ ދަންނަވަންޏާމު ނިމޭއިރު މިއިންނަ ސްކޭޓް އެރީނާ ވަރަށް ރީތި ހިތްގައިމު ސްކޭޓްކުރާ ފެސިލިޓީއެއް މިތަނުން ފެނިގެންދާނެ. މި ފެސިލިޓީ ވެގެންދާނީ އިންލައިން ސްޕީޑް ސްކޭޓިންކުރާ ގިނަ ކުދިންތަކެއް ދެކެމުންމިދާ ހުވަފެން ހަގީގަތަކަށްވާ މަންޒަރާއި ދެން ސްކޭޓް ބޯޑިން ކުރާ ކުދިންނަށް ލިބޭ އިތުރު ކުރިއެރުމަކަށްވެގެންދާނެ" ހާނިމް ވިދާޅުވިއެވެ.
މީގެ ކުރިން މާލޭގައި ސްކޭޓްކުރުމަށް އޮތް ޖާގަ ލޭންޑްސްކޭޕިންއަށް ގެނައި ބަދަލަކާއި ގުޅިގެން ވަނީ ގެއްލިފައެވެ. މިކަމުގެ ސަބަބުން ސްކޭޓްކުރުމަށް ކުދިން ބޭނުންކުރަމުން އައިސްފައިވަނީ، އުސްފަސްގަނޑު ސަރަހައްދެވެ. އެހެންނަމަވެސް ތަނުގެ ޖާގައިގެ ދަތިކަމާއި ހުރެ ސްކޭޓަރުން ފަރިތަކުރަމުން އައިސްފަވަނީ މާލެއާއި، ހުޅުމާލެ ހިމެނޭހެން ވަރަށް ދަތިގޮތަކަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ސްކޭޓް އެރީނާގެ މަސައްކަތް ވަރަށް ފުރިހަމަކަމާއެކު ކުރިއަށްދާކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
"މިހާރު ﷲގެ ރަޙުމަތުން ސަރުކާރުން މިއޮތީ ހަމަ ސްކޭޓް ކުރާ ކުދިންނަށާ އެކުގަ ވަރަށް މުހިންމު އަދި ވަރަށް ފުރިހަމަ ފެސިލިޓީއެއް މި ޤާއިމުކޮށްދެއްވަނީ" ހާނިމް ވިދާޅުވިއެވެ.
ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާއިރު ރާއްޖޭގެ ޒުވާން ދުއްވުންތެރިންދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރަންވަނަތަކެއް ގެނެސްދެމުންނެވެ. އެހެންކަމުން އަލަށް ޤާއިމުކުރާ ސްކޭޓް އެރީނާވާނީ ދިވެހި ސްކޭޓަރުންގެ ފޮނި އުންމީދުތަކާއި ގުޅިފައިވާ ދުވަސްވީ ހުވަފެނެއްގައި ޖެހޭ އުފާވެރި ކުލައަކަށެވެ.