ކުޅިވަރު

ތާރީހް ބަދަލުވެއްޖެ، ދޮޅު ލައްކަ މީހުންގެ ގައުމު ވޯލްޑް ކަޕަށް


ދުނިޔެގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމަކީ ދޮޅު ލައްކަ މީހުން އުޅޭ ކުރަކާއޯ ކަމުގައިވެއްޖެއެވެ.

މީގެ ކުރިން ބެލެވިފައި އޮތީ 2018 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު އައިސްލޭންޑަކީ މިހާތަނަށް ވޯލްޑް ކަޕް ކުޅުނު އެންމެ ކުޑަ ގައުމުގެ ގޮތުގަ އެވެ. އެކަމަކު އަންނަ އަހަރު އެމެރިކާގައި ބާއްވާ މުބާރާތަށް ފަސް ލައްކަ މީހުންގެ ކޭޕް ވާޑޭ ވެސް ވަނީ ކޮލިފައިވެފަ އެވެ. މި ހުރިހާ ރެކޯޑެއް މުގުރުނީ މިއަދު ހެނދުނު ޖެމެއިކާ ފަހަތަށްލައި ކުރަކާއޯ ވޯލްޑް ކަޕުން ޖާގަ ހޯދުމުންނެވެ. ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުގެ ގްރޫޕުގެ ކުރި ކުރަކާއޯ އަށް ލިބުނީ އެއް ޕޮއިންޓްގެ ތަފާތުންނެވެ. އެ ގައުމަށް 12 ޕޮއިންޓް ލިބުނުއިރު މެޗުން މޮޅުވެގެން އެއްވަނަ ހޯދެން އޮތް ޖެމެއިކާ ދިޔައީ 11 ޕޮއިންޓާއެކު ދެ ވަނަ އަށެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއި ބާމުޑާ އެވެ.

މި ފަހަރުގެ ކޮލިފައިންގައި ކުރަކާއޯ އެންމެ ފުރަތަމަ ހިމެނުނީ ކޮންކާކަފް ސަހަރައްދުގެ ގްރޫޕް ސީގަ އެވެ. ހައިޓީ އާއި ސެއިންޓް ލޫސިއާ އަދި އަރޫބާ އާއި ބާބަޑޯސް ހިމެނުނު މި ގްރޫޕުން ދެ ވަނަ ބުރަށް އެ ގައުމު ދަތުރު ކުރީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުގަ އެވެ.

ކުރަކާއޯ އަކީ ކޮންބައެއް؟

100 ޕަސެންޓް މިނިވަން ގައުމަކަށް ނުވާ ކުރަކާއޯއަކީ ކެރީބިއަން ކަނޑުގައި ދެކުނު އެމެރިކާގެ ވެނެޒުއޭލާއާ ޖެހިގެން އޮތް ކުޑަކުޑަ ގައުމެކެވެ. އާބާދީ އަކީ 156900 އެވެ. އެ ގައުމަކީ 444 މީޓަރުގެ ބިމުގެ ސަރަހައްދެއް ލިބިފައިވާ ކުޑަކުޑަ ގައުމެކެވެ. ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އެ މީހުން އޮތީ 82 ވަނާގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އެ މީހުން ވާދަ ކުރަން ޖެހުނީ ދެކުނު އެމެރިކާގެ ބަދަލުގައި ކޮންކާކަޕް ނުވަތަ މެދުތެރޭ އެމެރިކާ ސަރަހައްދުގަ އެވެ. އެއީ އެންމެ ފުރަތަމަ ސްޕޭނުގެ އަޅުވެތިކަމުގައި ތިބި ކަމުގަ އެވެ. އޭގެ ފަހުން އޮތީ ނެދަލޭންޑްސްގެ ދަށުގަ އެވެ. އެ ގައުމުގެ މީހުން ތިން ބަހަކުން ވާހަކަ ދައްކަ އެވެ. އެއީ ކުރަކާއޯގެ ރަސްމީ ބަސް ކަމަށްވާ ޕަޕިއަމެންޓޯ އާއި ނެދަލޭންޑްގެ ޑަޗް ބަހާއި އިނގިރޭސި ބަހެވެ.

ކުރަކާއޯގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ނެދަލޭންޑްސް އަށް އުފަން ބައެކެވެ. އެ މީހުން ގެންގުޅެނީ ވެސް ނެދަލޭންޑްސްގެ ޕާސްޕޯޓެވެ. ޔޫރަޕިއަން ޔޫނިއަންގެ ގައުމެއްގެ ރައްޔިތުންނަށް ލިބޭ ހުރިހާ އިނާޔަތެއް ލިބެ އެވެ. ކުރަކާއޯގެ ކޯޗަކީ ވެސް ތިން ފަހަރެއްގެ މަތީން ނެދަލޭންޑްސްގެ ގައުމީ ކޯޗުކަން ކުރި އެ ގައުމުގެ މަޝްހޫރު ޑިކް އެޑްވޮކާޓެވެ. މިހާރު 78 އަހަރުގެ މި ކޯޗު އިނގިރޭސި ޕްރެމިއާ ލީގުގެ ރޭންޖާސް އާއި ސަންޑަލޭންޑުގެ ކޯޗުގެ ގޮތުގައި ވެސް ގިނަ ބަޔަކު ދަނެ އެވެ.

ގައުމު ކިތަންމެ ކުޑަޔަސް ކުރަކާއޯއިން ވަނީ މަޝްހޫރު ކުޅުންތެރިންތަކެއް ފެނިގެންގޮސްފަ އެވެ.
މީގެ ތެރޭގައި ހިމެނެނީ ސްކޮޓްލޭންޑްގެ ރޭންޖާސް އާއި އިނގިރޭސިވިލާތިގެ ބާމިންހަމް އަށް ކުޅުނު ޖޫނީނިއޯ ބަކޫނާ އާއި އެސްޓަންވިލާއިން ފެނުނު އޭނާގެ ބޭބެ ލިއަންދްރޯ ބަކޫނާ އެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅުނު ކުޅޭ ފޯވަޑް ޖޯޑީ ޕައުލީނާއަކީ ވެސް މި ގައުމުގެ ކުޅުންތެރިއެކެވެ.