ކުޅިވަރު

ކުންފުންޏަކަށް ބަދަލުކުރުމާމެދު ރެއާލް މެޑްރިޑުގެ ވެރިން ޚިޔާލު ތަފާތުވެއްޖެ


ރެއާލް މެޑްރިޑުގެ ހިންގުން ބަދަލުކުރުމަށް ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކުރަމުންދާ މަސައްކަތުގައި ކުލަބު އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދިއްޖެއެވެ.

ޕެރޭޒް ބޭނުންވަނީ ރެއާލްގެ ހިންގުން ކުންފުނި ސްޓައިލަށް ބަދަލު ކުރުމަށެވެ. އޭރުން ކުލަބުގެ 49 ޕަސެންޓް ހިއްސާ އެކިއެކި ފަރާތްތަކަށް ވިއްކާލައިގެން މިހާރަށްވުރެ ގިނަ ފައިސާ ހޯދިދާނެ އެވެ. ނަމަވެސް ކުލަބުގެ ނާއިބް ރައީސްގެ މަގާމު ފުރަމުންދާ އޭނާގެ ކޮއްކޮ އެންރިކޭ ޕެރޭޒް މިހިޔާލާ ވަރަށް ބޮޑަށް ދެކޮޅެވެ. އޭނާ ބޭނުންވަނީ މިހާރު ވެސް ހިންގާ އުސޫލުން 100 ޕަސެންޓް މެމްބަރުން ކޮންޓްރޯލް ކުރާ ކުލަބެއްގެ ގޮތުގައި ރެއާލް ބާއްވާށެވެ. އޭނާގެ މިހިޔާލަށް ކުލަބުގެ ސީއީއޯ ހޯސޭ އެންޖެލް ސަންޗޭޒް ވެސް ތާއީދު ކުރެ އެވެ.

ރެއާލްގެ ހިންގުން ބަދަލު ކުރެވޭނީ އެ ކުލަބުގެ ބޯޑުން ފާސް ކުރުމަށްފަހު މެމްބަރުންގެ މެދުގައި ވޯޓު ލައިގެންނެވެ. އެ ކުލަބުގެ މެމްބަރުންގެ ގޮތުގައި 96000 މީހުންނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެއްވެސް ނިންމުމެއް ފައިނަލްވާނީ މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވޯޓުދީގެންނެވެ.
ގިނަ މީޑިއާތަކުން ބުނާ ގޮތުގައި މިއީ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމަށް ކުރި ހޭދައިގެ ސަބަބުން އިތުރުވެފައިވާ ދަރަނިން ސަލާމަތްވުމަށް ގެންނަ ބަދަލެކެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލްގެ ސްޓޭޑައަމް ހެދުމަށް ނެގި ދަރަނި އެއް ބިލިއަން ޔޫރޯ އަށް އަރަ އެވެ. ނަމަވެސް މިއީ ދަރަނީގެ ގޮތުގައި އެކުލަބުގެ ހިސާބުތަކުން އަދި ފެންނާކަށް ނެތެވެ.

ނަމަވެސް ޕެރޭޒް މިހާރު ވަނީ ބަދަލުތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ކުލަބުގެ ކުއްލި ކޮންގްރެސްއަކަށް ގޮވާލަން ތައްޔާރުވެފަ އެވެ. ކުލަބުގެ ހިންގުމަށް ގެންނާނެ ބަދަލު ފާސްކުރަން ޖެހޭނީ މި ކޮންގްރެސްއިންނެވެ. އޭގެ ފަހުން ކުލަބުގެ މެމްބަރުންގެ މެދުގައި ވޯޓު ނަގާނެ އެވެ.

ރެއާލް މެޑްރިޑްގެ ޖުމުލަ އަގު 10 ބިލިއަން ޔޫރޯ އަށް އަރަ އެވެ. ޕެރޭޒްގެ ވިސްނުމަކީ މެމްބަރުންނަށް ހިއްސާ ވިއްކައި ކުލަބުގެ 10 ޕަސެންޓް ހިއްސާ ކޮންމެވެސް ބަޔަކަށް ވިއްކާލުމަށެވެ. އޭރުން ދަރަނީގެ ގޮތުގައި ފާހަގަކުރާ އެއް ބިލިއަން ޔޫރޯ ވަގުތުން ސަލާމަތް ކުރެވިދާނެ އެވެ.