ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކަޒަކިސްތާން އާއި ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރ މަހު މި ދެ ޓީމު ބެލްޖިއަމް ގައި ބައްދަލުކުރި މެޗުން ސްޕެއިން ވަނީ 6-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. ނަމަވެސް މި މެޗު ރޭ އެއްވަރުވުމާއިއެކު ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށް ވޯލްޑްކަޕަށް ކޮލިފައިވުމަށް ބެލްޖިއަމް އަށް ވަނީ އިތުރު މެޗަކަށް މަޑު ކުރުމަށެވެ.
ރޭގެ ނަތީޖާ އާއިއެކު ބެލްޖިއަމް އިން މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ނޯތް މެސެޑޯނިއާ އަށް އަދި ތިންވަނައިގައި އޮތް ވޭލްސް އަށްވެސް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.
ކަޒަކިސްތާނުގެ އަސްތާނާ އެރީނާގައި އަށާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ކަޒަކިސްތާނުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އުމުރުން 17 އަހަރުގެ ޑެސްޓަން ސަޓްޕަޔޭވް އެވެ.
މި ލަނޑަށް ފަހު ބެލްޖިއަމްގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް އެ ޓީމުން ވަނީ ކަޒަކިސްތާނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކަޒަކިސްތާނުގެ ގޯލުކީޕަރު ޓެމިރްލާން އަނަރްބެކޯވް ވަނީ މުޅި މެޗުގައިވެސް ގިނަ ސޭވްތަކެއް ކޮށްފަ އެވެ.
ބެލްޖިއަމް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ހޭންސް ވެނަކަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ 79 ވަނަ މިނިޓުގައި ކަޒަކްސްތާންގެ އިސްލާމް ޗެސްނެކޯވް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.