ޕާކިސްތާނުގެ މަޝްހޫރު ބެޓްސްމަން ބާބަރް އަޒަމް ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް ސައްތައެއް ހަދައިފިއެވެ.
މިއީ އެއް ދުވަހުގެ މެޗެއްގައި އޭނާ އަށް 100 ލަނޑު ހަމަނުކުރެވިދިޔަ އެންމެ ދިގު މުއްދަތެވެ. ޕާކިސްތާނުގެ ކުރީގެ ކެޕްޓަން އެންމެ ފަހުން ސައްތަ ހަމަކުރީ 2023 ވަނަ އަހަރުގެ އޭޝިޔާ ކަޕުގައި ނޭޕާލާ ދެކޮޅަށެވެ.
ނަމަވެސް ރާވަލްޕިންޑީގައި މިހާރު ސްރީލަންކާއާ ދެކޮޅަށް ޕާކިސްތާން ކުޅޭ އެއް ދުވަހުގެ ތިން މެޗުގެ ސިލްސިލާގައި އޭނާ ސައްތަ ހަމަ ކުރުމުން ޕާކިސްތާނުގެ ކުޅުންތެރިންނާއި ކްރިކެޓް ބޯޑުން ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ވަނީ މިދިޔަ ދެ އަހަރު ތެރޭގައި ގިނަ އަދަދަކަށް ބައި ސައްތަ ހަމަކޮށްފަ އެވެ. މި ގޮތުން 104 ފަހަރު އޭނާ ވަނީ 50 ލަނޑު ހަމަކޮށްފަ އެވެ. އޭނާ މިހާތަނަށް ވަނީ އެއް ދުވަހުގެ މެޗުތަކުގައި 807 ލަނޑު ހަދައިފަ އެވެ.
ބާބަރް މިހާތަނަށް ވަނީ ޓެސްޓް މެޗުތަކުގައި މިހާތަނަށް 29 ސައްތަ އަދި ޓުވެންޓީ 20 މެޗުތަކުގައި ތިން ފަހަރު ސައްތަ ހަމަކޮށްފަ އެވެ.
ބާބަރް މެޗަށް ފަހު ބުނީ އޭނާ އަށް މެދުނުކެނޑި ޕާކިސްތާނުގެ ސަޕޯޓަރުން ދެމުން އަންނަ ތާއީދަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މި ސައްތަ ހެދުނީ ސަޕޯޓަރުންގެ ހިތްވަރުން ކަމަށެވެ.
އޭނާގެ ސައްތަ ހެދުމުން އައިސީގެ ރައީސް އަދި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވިދާޅުވީ ބާބަރަކީ މަސައްކަތްކޮށްފިނަމަ ރެކޯޑްތަކަކަށް ވާސިލް ވެވިދާނެ ކުޅުންތެރިއެއް ކަމަށެވެ.