ކުޅިވަރު

އަޝްވާނަށް އަނިޔާވެ، ގައުމީ ޓީމަށް އިޔާން


ކުލަބް އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު އަޝްވާންގެ ބަދަލުގައި ގައުމީ ފުޓްބޯޅަ ޓީމަށް މާޒިޔާގެ ކީޕަރު އިޔާން އަބްދުލްއަލީމް ނަގައިފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނީ މި ބަދަލު ގެނައީ އަޝްވާނަށް އަނިޔާވުމުން ކަމަށެވެ. ނަމަވެސް މީގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ގައުމީ ޓީމުގައި މި ވަގުތު ވެސް މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް އެބަހުއްޓެވެ.

ރާއްޖޭގެ ގައުމީ ޓީމު މިވަގުތު ތައްޔާރުވަމުން ދަނީ މި މަހުގެ އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށެވެ. ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގެ ދަށުން ފަރިތަކުރަމުންދާ ޓީމު މިވަގުތު އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެ ޓޭބަލުގެ ފުލުގަ އެވެ. ޕިލިޕީންސް އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ.

އަޝްވާނަކީ މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރެކެވެ. އަދި މިއީ އޭނާ އަށް ޓީމުން ޖާހަ ލިބުނު ފުރަތަމަ ފަހަރު ވެސްމެ އެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އަޝްވާނަކީ އޭނާ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ކުޅެވޭނެ ފެންވަރުހުރި ކުރިމަގު އުޖާލާ ކުޅުންތެރިއެކެވެ.