ކުޅިވަރު

ފުވައްމުލައް ސިޓީއިން މިއަހަރު އެކަނިވެސް 337 އަންހެން ކުޅުންތެރިން ކުރިކެޓާ ގުޅިފަވޭ: މުތީޢު


ފުވައްމުލައް ސިޓީގައި ކުރިކެޓަށް އޮތް ތަރުހީބު ބޮޑުކަމަށާއި މިއަހަރު އެކަނިވެސް ފުވައްމުލައް ސިޓީއިން 337 އަންހެން ކުޅުންތެރިން މިކުޅިވަރާ ގުޅިފައިވާކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފުވައްމުލަކު ރީޖަނަލް ޑެވެލޮޕްމެންޓު މެނޭޖަރ ހަސަން މުތީޢު ބުނެފިއެވެ.

ކުރިކެޓު ކުރިއެރުވުމަށް އެސަރަހައްދުގައި ކުރިއަށްދާ ޕްރޮގްރާމުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުތީޢު ބުނެފަވަނީ ކުރިކެޓަށް އެސިޓީގައި އޮންނަ ތަރުހީބު ބޮޑުކަމަށެވެ. މިކުޅިވަރަށް އެސިޓީގެ އެކި އުމުފުރާތަކުން ކުޅުންތެރިން ގުޅެމުން އަންނަކަމަށާ ވަކިން ޚާއްސަކޮށް ފުވައްމުލައް ސިޓީގެ ކަނބަލުންގެ ފަރާތުން މިކުޅިވަރަށް ފެންނަ ޝައުޤުވެރިކަން އޭނާ ފާހަގަކޮށްފަވެއެވެ.

"ވަރަށް ރަނގަޅު އިނގޭތޯ. ކުދިން އެކަންޏެއް ނޫން އަންހެން ބޭފުޅުންނާއި އަންހެން ކުދިންނާ. މިހާރު މިއަހަރު އެކަނި ގާތްގަނޑަކަށް 337 އަންހެންބޭފުޅުން މުޅިން އަލަށް އިންޑިވިޖުއަލްސް ކުރިކެޓު ޕްރޮގްރާމުތަކުގެ ތެރޭގަ ޕާރފޯމްކޮށްފި. އަންހެން ބޭފުޅުންނާއި އަންހެންކުދިންނާ. ވަރަށް ރަނގަޅު އެޗީވްމަންޓެއް" މުތީޢު ބުނެފަވެއެވެ.

މުތީޢު ބުނީ ކުރިކެޓަކީ ވަރަށް ރީތި ކުޅިވަރެއްކަމަށެވެ. ސީބީއެމްގެ އަމާޒަކީ މިކުޅިވަރުގެ ތެރެއަށް އަންހެން އެތުލީޓުން ވައްދާ ކުރިކެޓުގެ ދާއިރާއިންވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުންކަމަށް އޭނާ ފާހަގަކުރިއެވެ.

"އަންހެނުންވެސް ވަރަށް ބޮޑަށް އެމްޕަވަރކުރަން މީގެ ތެރެއަށް ހަމަ އަންހެން ބޭފުޅުންނަށްވެސް ހަމަ އެބައޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދީގެން މީގެ ތެރޭގަ އަންހެން ބޭފުޅުން އެމްޕަވަރަކުރުމަށްޓަކައި ބޯޑުގެވެސް ހަމަ ވަރަށް ބޮޑު ޓާގެޓެއް ވީހާވެސް ގިނަ އަންހެން ބޭފުޅުން ރާއްޖޭގަ ކުރިކެޓުގެ ތެރެއަށް ވެއްދުމަކީ" މުތީޢު ބުންޏެވެ.

ކުރިކެޓު ދިރުވާ އާލާކުރުމުގެ ގޮތުން ސީބީއެމްއިންވަނީ "ސީޑްސް"ގެ ނަމުގައި ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމުތަކެއްވެސް ފަށާފައެވެ. މި ހަރަކާތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާއިރު ސީބީއެމްގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި މިކުޅިވަރުން މުޅިން އަލަށް ފަސް ހާސް އެތުލީޓުން ތަމްރީނުކުރުމެވެ. މިހަރަކާތް ފުވައްމުލައް ސިޓީގައިވެސް ކުރިއަށް ގެންގޮސްފަވާއިރު ގާތްގަނޑަކަށް ހަ ސަތޭކައާ ގާތްކުރާ އަދަދަކަށް ޓްރައި އައުޓްތަކަށް ކުދިން އައިކަމަށް މުތީޢު ފާހަގަކުރިއެވެ. މި ކުރިކެޓު ކާނިވަލުގެ ތެރެއިން ސީޑްސް ޕްރޮގްރާމާ ގުޅުނު ފަންސާސް ވަރަކަށް ކުދިން މިހާރުވެސް ބަރާބަރަށް ފަރިތަކުރުންތަކަށް ހާޒިރުވަމުން އަންނަކަމަށާ މިއީ އުންމީދީ މަންޒަރެއްކަމަށް އޭނާ ސިފަކުރިއެވެ.

"ފުރަތަމަ ބޭއްވި ކާނިވާގެ ތެރެއިން ހަސަތޭކައަށް ވުރެ ގިނަ ކުދިން އައި. އެކުދިންނަށް މިކުޅިވަރުގެ އިންޓްރޮޑަކްޝަނެއް ދެވުނު. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ފުވައްމުލަކުގަ ވައިޑީޕީ ފެށިގެން ގާތްގަނޑަކަށް ފަންސާސް ވަރަކަށް ކުދިން ޑެއިލީ ޕްރެކްޓިސް އެބަކުރޭ" މުތީޢު ބުންޏެވެ.

މުތީޢު ބުނީ ސީބީއެމްގެ އަމާޒާ އެއްގޮތަށް ސީޑްސް ޕްރޮގްރާމުން ފަސް ހާސް އެތުލީޓުން ނެރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށެވެ. ކުޑަކުދިންނަށް މިކުޅިވަރު ތައާރަފުކުރުމަށް ސީބީއެމްއިން ތަފާތު ގިނަ ވިސްނުންތައް ގެންގުޅޭކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މިހަރަކާތް ފެށިފަވާ ސަރަހައްދުތަކަށް އިތުރު ކުރިއެރުންތައް ހޯދުމަށް ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ބުންޏެވެ.

"އެ ޕްރޮގްރާމުތަކުގެ ތެރެއިން ފަސް އަހަރު ދުވަހުގެ ތެރޭގަ ފަސް ހާސް ކުދިންނަށް މި ގޭމް އިންޓްރޮޑިއުސްކޮށްދެވޭނެ ކަމާމެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތް" މުތީޢު ބުންޏެވެ.

ސީޑްސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 4 އިން ފެށިގެން ގްރޭޑް 7 އާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ވަނީ ހުޅުވިފައެވެ. މީގެ އިތުރުން އިންޓަ ސްކޫލުން ކުރިކެޓް މުބާރާތްތަކާ އިންޓަރ ހައުސް މުބާރާތްތަކުންވެސް ފާހަގަކޮށްލެވޭ ކުދިންނަށް ސީޑްސްއިން ފުރުސަތު ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި މިކުޅިވަރުން ކުދިން ތަމްރީނުކުރުމަށް ސީބީއެމްއިން ގެންދަނީ ގިނަގުނަ މަސައްކަތްތައްކުރަމުންނެވެ.