ހަކުރު ބަލީގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކާ ދުރާލާ ޓެސްޓުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމާއި، ޞިއްޙީ ރަނގަޅު އާދަތަކަށް ސަމާލުވުން މުހިންމުކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޞިއްޙީ ވަޒީރު މިފަދަައިން ވިދާޅުވީ، ހަކުރު ބަލީގެ ދުވަހާ ގުޅިގެން، މިކަމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ހަކުރު ބައްޔަކީ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ޞިއްޙީ ބޮޑު މައްސަލައެއް ކަމަށެވެ. ހަކުރު ބަލީގެ ގިނަ ކަންކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަންތައްތަކެއްކަން ފާހަގަކުރައްވާ، ދިރިއުޅުމުގެ ކަންކަން ވަކިގޮތަކަށް ބައްޓަންކުރެވިއްޖެނަމަ ހަކުރު ބަލީގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ މައްސަލަތައް ކުޑަކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް ވަނީ ކަސްރަތުކުރުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތަކަށް އިސްކަންދީގެން، ހަކުރު ބަލިފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ހަކުރު ބައްޔަކީ އޭގެ ސަބަބުން ޞިއްޙީ އިތުރު މައްސަލަތަކަށްވެސް މީހާ ހުށަހެޅިގެންދާ ބައްޔެއްކަމުން، ދުރާލާ ބައްޔަށް ޓެސްޓުކުރެވި، ފަރުވާ ހޯދިއްޖެނަމަ އާންމު މީހެކޭ އެއްފަދައިން ދިރިއުޅުމުގެ ފުރުޞަތު ހަކުރު ބަލީގެ ޕޭޝަންޓުންނަށްވެސް ލިބިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދުރާލާ ޓެސްޓުކޮށް، ޑޮކްޓަރެއްގެ ފަރުވާ ހޯދައި، ޑޮކްޓަރެއްގެ ލަފާ ހޯދައި، ގަވާއިދުން ޑޮކްޓަރަށް ދައްކަވާ މިއަށް ބޭސްފަރުވާ ކުރަމުން ގެންދެވިއްޖެނަމަ ހަމަ އާންމު ދިރިއުޅުމުގެ ހާލަތެއްގައި ޑައިބެޓީސް ޕޭޝަންޓަކަށްވެސް އުޅެވިދާނެކަން އެއީ މިއަދު އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެހެންވީމަ އަޅުގަނޑުގެ މިއަދުގެ އިލްތިމާސަކީ ގަވާއިދުން ޓެސްޓުކުރައްވާ ޑޮކްޓަރަށް ދައްކަވާ ބޭސް ނަންގަވާ، އަދި ދިރިއުޅުމުގެ އާދަތައް ޞިއްޙީ ރަނގަޅު މިންގަނޑުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް ގެންގުޅުއްވުމަށް ސަމާލުކަންދެއްވުން." ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އެޗްޕީއޭއާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ވަނީ ހުޅުމާލޭގެ އެކި ގޭބިސީތަކަށް ޒިޔާރަތްކޮށް ހަކުރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކާ ބޭނުންވާ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހަކުރު ބަލި ދެނެގަންނާނެ ގޮތާއި، ބަލި ތަޙައްމަލުކުރާ ފަރާތްތަކުންވެސް ސަމާލުވާންވީ ކަންކަމާގުޅޭ މަޢުލޫމާތު ދީފައިވެއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކަންބޮޑުވުން އިތުރުވަމުން އަންނައިރު ހަކުރު ބައްޔަކީ މިފަދައިން އިތުރުވަމުންދާ އެއްބައްޔެވެ. ކޮންމެ އަހަރެއްގެވެސް ނޮވެންބަރުމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ހަކުރު ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ.
ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތް ތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ޙާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން ހިމެނެއެވެ. ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ޤަވާޢިދުން ކަސްރަތުކުރުމަކީވެސް ބަލިން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ކުރުން މުހިންމު ކަމެކެއެވެ.