ކުޅިވަރު

ރޮނާލްޑޯ އަށް ރަތްކާޑު ދައްކައިފި، ވޯލްޑްކަޕުގެ ފުރަތަމަ މެޗަށް ސަސްޕެންޑް


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކެރިއަރުގައި ދެއްކި ފުރަތަމަ ރަތްކާޑާއެކު އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް އޭނާ ސަސްޕެންޑް ވެއްޖެއެވެ.

އުމުރުން 40 އަހަރުގެ ކެޕްޓަނަށް ރަތްކާޑު ދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި އަޔަލޭންޑް އަތުން އޭނާގެ ގައުމު 2-0އިން ބަލިވި މެޗުގަ އެވެ. މި މެޗުގެ 61 ވަނަ މިނިޓްގައި އޭނާ އަށް ރަތްކާޑު ދެއްކީ އަޔަލޭންޑްގެ ޑިފެންޑަރު އޯޝެއާ އަށް އުޅަބޮށިން ހަމަލާދީ ވައްޓާލުމުންނެވެ. މިއާއެކު އޭނާ އަށް ކޮލިފައިންގެ ފަހު މެޗުގައި އާމިނިއާއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ. ވޯލްޑްކަޕުގެ ފުރަތަމަ މެޗަށް ސަސްޕެންޑް ވަނީ މި ކުށުގެ ބާވަތުން އިތުރު މެޗަށް ސަސްޕެންޑްވާތީއެވެ.

މިއީ ރޮނާލްޑޯގެ ގައުމީ ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ރޭގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދިން 226 ވަނަ މެޗެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހައދިން ކުޅުންތެރިޔާ އެވެ. ރަތްކާޑު ދެއްކުމުން އޭނާ އަތުން އިޝާރާތް ކުރީ ބަރާބަރު ކަމަށެވެ. އަދި ދަނޑުން ފައިބައިގެން ދިޔައީ ވެސް ސަޕޯޓަރުންނަށް ބަރާބަރު ކަމަށް އިޝާރާތް ކުރަމުންނެވެ.

ޕޯޗުގަލް އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވާނީ އާމިނިޔާ މެޗާއި ހަންގޭރީ އާއި އަޔަލޭންގް ގްރޫޕުގެ ފަހު މެޗުގައި ކުޅޭ މެޗުގެ ނަތީތާ ނުކުންނަ ގޮތަކުންނެވެ. މިވަގުތު ޕޯޗުގަލް ގްރޫޕުގެ ކުރީގައިވަނީ 10 ޕޮއިންޓާއެކުގަ އެވެ. ހަންގޭރީ ދެ ވަނާގައިވަނީ އަށް ޕޮއިންޓުންނެވެ. އަދި އަޔަލޭންޑް ވެސް އޮތީ ހަތް ޕޮއިންޓާއެކުގަ އެވެ. އާމިނިއާ އަށް ކޮލިފައިންގެ ފުރުސަތެއް ނެތެވެ. ގްރޫޕުގެ އެއްވަނަ ޓީމު އޮޓެމެޓިކުން ކޮލިފައިވާއިރު ދެ ވަނަ ޓީމު ޖެހޭނީ ޕްލޭއޯފް ކުޅޭށެވެ. މިހެންވެ ކުރިއަށް އޮތް މުހިންމު މެޗުގައި ރޮނާލްޑޯ ނެތުމަކީ ޕޯޗުގަލް އަށް ހިތްހަމަޖެހުމަކަށް ނުވާނެ އެވެ.