އާންމުންގެ ބޮޑު ތަރުހީބަކާއެކު "ވަރަ" އެކްސްޕޯ ނިންމާލައިފިއެވެ.
މިއީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ އެކްސްޕޯއެކެވެ.
"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ އެކްސްޕޯއެކެވެ.
މި އެކްސްޕޯގައި 15000 އަށްވުރެ ގިނަ ވަޒީފާ ހޯދާ މީހުންނާއި ދަރިވަރުންނާއި އަދި އެކި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ ގުޅުންތައް ބަދަހިވެގެން ގޮސްފައިވާކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އަންދާޒާކުރައްވައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ މިފަހަރު ބޭއްވުނު މިއެކްސްޕޯއަށް ވަރަށްގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަކަމަށެވެ. ވަރަ އެކްސްޕޯ ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށާއި އެގޮތުން އަންނަ އަހަރު ފަހު ކޮޅު މިއެކްސްޕޯ ބާއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އެކްސްޕޯއަކީ ޒުވާނުންނަކީ އުފެންދުންތެރި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް އެ ވުޒާރާއިން ކުރާ މަސައްކަތުގެ ބޮޑު ހިއްސާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޒުވާނުން ބާރުވެރިކުރުވަން. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަތީތަޢުލީމުގެ ފުރުސަތުތަކާއި އަމިއްލައަށް ނޫނީ އެހެންތަނެއްގައި ވެސް ވަޒީފާ އަދާކޮށްގެން ޒުވާނުންނަކީ އުފެއްދުންތެރި ގައުމަށް ފައިދާހުރި މަސައްކަތްތަކެއްކުރާ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބޮޅެއްމީ." ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވިއެވެ.
ވަރަ އެކްސްޕޯގައި 146 އެގްޒިބިޓަރުން ބައިވެރިވިއެވެ. އަދި އެކްސްޕޯގެ ތެރެއިން 1146 ވަޒީފާގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާއިރު 200 އަށްވުރެ ގިނަ އެޕްރެންޓިސްޝިޕް ފުރުސަތާއި، 500އަށްވުރެ ގިނަ އިންޓާންޝިޕްގެ ފުރުސަތުގެ މައުލޫމާތު ފޯރުކޮށްދެވުނު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ އެކްސްޕޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. ޚާއްސަކޮށް ޒުވާނުންގެ ފަރާތުން މިއެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރެއްވިއެވެ.
މިއެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ 3 ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ކެރިއަރ، އެޑިއުކޭޝަން އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯންއެވެ.
ކެރިއަރ ޒޯންގައި 50 އެގްޒިބިޓަރުން ބައިވެރިވިއެވެ. މީގެތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ހިމެނެއެވެ. މި ޒޯންއިން ވަޒީފާގެ، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުސަތުތަކުގެ މައުލޫމާތު ދީފައިވެއެވެ.
އެޑިއުކޭޝަން ޒޯންގައި ހަޔަރ އެޑިޔުކޭޝަން ޕްރޮގްރާމްތަކާއި، ވޮކޭޝަނަލް ޓްރޭނިންއާއި، ޕްރޮޕެޝަނަލް ސެޓްފިކޭޝަންސާއި ގުޅޭ މައުލޫމާތު ދީފައިވެއެވެ. އަދި ލިބެންހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ޑިސްކައުންޓްތަކާއި ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އެޑިއުކޭޝަން ޒޯންގައި މުޅި ޖުމްލަ 36 އެގްޒިބިޓަރުން ބައިވެރިވިއެވެ.
ސްކިލް އެކްސްޕީރިއަންސް ޒޯންގައި 16 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު މި ޒޯނުން ލައިވް ޑެމޯއާއިއެކު އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ސްކިލްސްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވަނީ ދީފައެވެ.
50 އެގްޒިބިޓަރުން ބައިވެރިވި މާކެޓް ޒޯންގައި ދިވެހި އުފެއްދުންތެރިންގެ ތަފާތު އުފެއްދުންތައް ދައްކާލާފައިވެއެވެ.
ވަރަ އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކާމިޔާބު ކަމާއެކު މިއެކްސްޕޯ ނިންމާލާފައިވާއިރު އެކި އުމުރުފުރައިގެ މީހުން އެކްސްޕޯއަށް ޒިޔާރަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.