ޚަބަރު

ފިލިޕީންސަށް މިސްރާބު ޖަހާފައިވާ އައު ތޫފާނު އިތުރަށް ބާރުގަދަވެ، ނުރައްކަލުގެ އިންޒާރު


ފިލިޕީންސްގެ އިރުމަތީގެ ސަރަަޙައްދަށް މިސްރާބުޖަހާފައިވާ 'ފުންގ-ވޮންގ'ގެ ނަމުން ނަންދީފައިވާ ތޫފާނު، އިތުރަށް ބާރުގަދަވެ، ބޮޑެތި ގެއްލަންތަކެއް ދިނުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ދީފިއެވެ.

ޕަގާސާގެ މޫސުން ލަފާކުރާ އިދާރާ ބެނިސަން އެސްޓާރެޖާ އިން ބުނާ ގޮތުގައި، މާދަމާގެ ވަގުތެއްގައި ފިލިޕީންސަށް އަރާނެކަމަށް ބެލެވޭ ތޫފާނުގެ އަސަރު މިހާރު ވެސް އެ ޤަޢުމުގެ އިރުމަތީގެ ސަރަޙައްދުތަކަށް ކުރަމުންދާއިރު، އެ ތޫފާނު އިތުރަށް ބާރުގަދަވާނެއެވެ.

އެ އިދާރާއިން ބުނީ، މިހާރު ގަޑިއިރަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ މިންވަރު، ތޫފާނު އަރާއިރު، 185 ކިލޯމީޓަރަށް ބާރުގަދަވާނެކަމަށް ބެލެވޭ ކަމަށެވެ. ވައި ބާރުވުމުގެ ސަބަބުން، ގަސްތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ ބޮޑުކަމަށް ބުނެފައިވެއެވެ.

އަދި 1،500 ކިލޯމީޓަރުގެ ބޮޑުމިނުގެ އެ ތޫފާނު، މުޅި ފިލިޕީންސަށް ފެތުރޭނެކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފައެވެ.

މި ތޫފާނުގައި ފިލިޕީންސްގެ އިރުމަތީގެ ސަރަޙައްދުތަކަށް 200 މިލިމީޓަރުގެ ވާރޭވެހޭނެކަމަށް ބެލެވޭއިރު، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދިޔުމުގެ ފުރުޞަތު ވެސް ބޮޑުކަމަށް ބުނެފައިވެއެވެ.

ޕަގާސާއިން ވަނީ ޚާއްސަކޮށް އެ ސަރަޙައްދުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން އުސް ސަރަޙައްދުތަކަށް ދިޔުމުގެ އިތުރުން، ކަނޑުދަތުރުފަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑައިލަން އިލްތިމާސްކޮށްފައެވެ.

ތޫފާނު އެރުމާ ދިމާކޮށް، ސަރުކާރުން މިހާރުވެސް ވަނީ ބައެއް ސްކޫލްތައް ބަންދުކޮށް، ޤަޢުމީ އެއާލައިންގެ ބައެއް އުދުހުންތައް ކެންސަލްކޮށްފައެވެ.

ފިލިޕީންސަށް އަނެއްކާވެސް ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައިމިވަނީ، މިދިޔަ ހަފްތާގެ ތެރޭގައި ތޫފާނު ކަލްމެއިގީ އަރައި، ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށެވެ.

މި ވަރުގަދަ ތޫފާނުގެ ސަބަބުން ފިލިޕީންސްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ އިތުރު 127 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެ ތޫފާނުގެ ސަބަބުން، ފިލިޕީންސްގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ސަތޭކަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ތޫފާނު މިހާރު ވިއެޓްނާމާ ހަމައަށް ފޯރާފައިވާއިރު، ތޫފާނުގެ އަސަރުކުރި ސަރަޙައްދުގައި ހުރި ގޭގޭގެ ފުރާޅުތައް އުކާލައި ބިޔަ ގަސްތައް ވަނީ ވެއްޓިފައެވެ.