ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ 1 ނޮވެމްބަރ އިން ފެށިގެން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ޤަވައިދުތަކާއި އުސޫލުތައް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. މި ޤަވައިދުގައި މުހިންމު ގިނަ ނުކުތާތަކެއް ވަނީ ހިމަނާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާގެ ފިޝަރީސް ކޮމްޕްލެއިންސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވިދާޅުވީ ކަށި މިޔަރުގެ މަސްވެރިކަމަށް މިހާރު ހުޅުވާލާފައިވާއިރު ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގައި އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، އެ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.
އެގޮތުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހާއްސަ ލައިސަންސްއެއް ދޫކުރާއިރު ލައިސަންސް 1 އަހަރަށް ދޫކުރިކަމުގައިވިއަސް މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 1އިން ޖެހިގެން އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށްކަމަށް މަލީހާ ވިދާޅުވިއެވެ. އަދި މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށް ކަމަށާއި އެއީ ކެޔޮޅު ޕޯޓަލްތެރެއިން އެންމެ ފުރަތަމަ މައުލޫމާތު ހުށައަޅާ ދޯނިތަކަށްކަމަށް މަލީހާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަށި މިޔަރުގެ މަސްވެރިކަމުގައި ބާނާ ކަށި މިޔަރު ކިރުމައްޓަކައި ވަކި ހާއްސަ 4 ބަނދަރެއް ވަނީ ކަނޑައަޅާފައެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ. މަލީހާ ވިދާޅުވީ މިއިން ކޮންމެ ރަށެއްގައުވެސް އެ ވުޒާރާގެ ރެންޖަރެއް ހުންނާނެކަމަށެވެ. އެގޮތުން މަސް ކިރަން ދޯނި އަންނައިރު ރޭންޖަރަށް އެކަން އަންގާ މައުލޫމާތު ނެގޭނޭ އިންތިޒާމް ހަމަޖެހެނެކަމަށް ވިދާޅުވިއެވެ.
"އޭގެ އިތުރުން ކަށިމިޔަރު ސަޕްލައިކުރާ ފަރާއްތައް އަދި ކަށިމިޔަރުގެ ތެޔޮ ޕްރޮސެސްކުރާ ފަރާއްތަައް ވަކި ލައިސަންސްއެއް ނަގަންޖެހޭނެ. އެ ފަރާއްތަކުން ގަންނަ މަހުގެ މައުލޫމާތު ޕޯޓަރލް މެދުވެރިކޮށް ޕާރޗޭސް ޑީޓެއިލްޑޭޓަރ ހިއްސާކުރަންވާނެ އަދި އަޅުގަނޑުމެން އެކްޕޯޓުކުރާއިރު ކެޓް ސެޓިފިކެޓްވެސް ބޭނުންވާނެ . ދެން އުޅަނދުގައި ޓްރެކިން ޑިވައިސް ހަރުކުރަންވާނެ ލައިސަސް ދޫކުރުމުގައި ޝަރުތެއްގެ ގޮތުގައި ހިމެނިފައިވާކަމެއް" މަލީހާ ވިދާޅުވިއެވެ.
މަލީހާ ވިދާޅުވީ ދޫކުރެވޭ ލައިސަންސްތަކީ ވަރަށް މުހިންމު އެއްޗެއްކަަމަށެވެ. އެގޮތުން ކޮންމެ ކަމެއްވެސް މެނޭޖްކުރުމަށް އެ ކަމެއްގައި ހަރަކާތްތެރިވާ މީހުންނާއި މަސައްކަތްކުރާ ގޮތް އަދި ބޭނުންކުރާ ވަސީލައްތައް އެނގުން ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން ލައިސަންސް ދޫކުރުމުގައި މި ހުރިހާ މައުލޫމާތެއް އެއްކުރާކަމަށް ވިދާޅުވިއެވެ. މަލީހާ ވިދާޅުވީ މަސްވެރިކަން މެނޭޖްކޮށް މަހުގެ އާބާދީ ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަަށް ލައިސަންސް މެކޭނިޒަމް އަކީ ވަރަށް މުހިންމު އެއްޗެއްކަމަށެވެ.
މި ގަވާއިދުގައި ވާގޮތުން މިފަދަ މަސްވެރިކަން ކުރާ ފަރާތްތަކަށް ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ކަނޑައަޅައިފައިވާ ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައިވެއެވެ.
މީގެ އިތުރުން ކަށިމިޔަރާއި ކަށިމިޔަރު އުފެއްދުންތައް އެކްސްޕޯޓްކުރާ ފަރާއްތަކުން ކަށިމިޔަރު ގަންނަންވާނީ މަސްވެރިކަންކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުންނެއެވެ. އަދި ކަށިމިޔަރާއި ކަށިމިޔަރު ބަންދުކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެއެވެ.
މީގެ އިތުރުން އެކްޕޯޓުކުރުމަށް ތައްޔާރުކުރާ ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް ބަންދުކުރުމާއި ޕެކޭޖްތަކުގައި، ކަށިމިޔަރުގެ ބާވައްތަކާއި އަދަދާއި ބަރުދަނާއި އުފެއްދި ތާރީހާއި އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެގޭނެހެން ލޭބަލް ކުރަންވާނެއެވެ.