ޚަބަރު

25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި


  • 25 ރަށުގައި 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީ ހިމެނޭ

  • 10 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖު ސިސްޓަމް ހިމެނޭ

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީ އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީ ގުޅިގެން ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިއީ، "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.

މިކަމަށްޓަކައި ރ.އަތޮޅު ކިނޮޅަހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސެއިންއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މާލީ ވުޒާރާގެ ބޭފުޅުންގެ އިތުރުން ކިނޮޅަހު ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، ސޯލަރ ބޭނުން ކޮށްގެން ހަކަތަ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ވިދާޅުވީ، މިކަމުން ރާއްޖޭގެ އިޤްތިސާދަށް ލުއިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީއިން އަހަރުން އަހަރަށް ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއާވިއަތު ވިދާޅުވީ، މިއަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މި މަސައްކަތް ފެށޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރެވޭނެ ކަމަށެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިފްތިތާޙު ކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި 10 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނޭ ކަމަށެވެ. އަދި މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެ ކަމަށެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ނިޒާމް އިފްތިތާޙު ކުރި ރަށްތައް

  • ރ. އަލިފުށި
  • ރ. ވާދޫ
  • ރ. ރަސްގެތީމު
  • ރ. އަނގޮޅިތީމު
  • ރ. މާކުރަތު
  • ރ. ރަސްމާދޫ
  • ރ. އިންނަމާދޫ
  • ރ. މަޑުއްވަރީ
  • ރ. އިނގުރައިދޫ
  • ރ. ފައިނު
  • ރ. މީދޫ
  • ރ. ކިނޮޅަސް
  • ރ. ހުޅުދުއްފާރު
  • ބ. ކުޑަރިކިލު
  • ބ. ކަމަދޫ
  • ބ. ކެންދޫ
  • ބ. ކިހާދޫ
  • ބ. ދޮންފަނު
  • ބ. ދަރަވަންދޫ
  • ބ. މާޅޮސް
  • ބ. އޭދަފުށި
  • ބ. ތުޅާދޫ
  • ބ. ހިތާދޫ
  • ބ. ފުޅަދޫ
  • ބ. ފެހެންދޫ

މިނިޒާމް އިފްތިތާޙުކުރި ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ޤާއިމުކޮށް ނިމި ބޭނުން ކުރަމުންދާނެއެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގެ 160 ރަށެއްގައި ޤާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލު ކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި، 10.6 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ޤާއިމުކުރާނެއެވެ. އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން 27 މެގަވޮޓުގެ ޑީސަލް ޖަނަރޭޓަރުވެސް ވަނީ ފޯރުކޮށްދީފައެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ، ޤައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ، ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.