ޗައިނާގައި ކުރިއަށްދިޔަ 'ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް – އިންޓަރނޭޝަނަލް މީޑިއާ ޔޫތު ޓްރެއިނިންގ ޕުރޮގުރާމު' ފުރިހަމަކުރެއްވުމަށްފަހު، އެ ޕުރޮގުރާމުން ލިބިވަޑައިގެންނެވި މުހިންމު ތަޖުރިބާތައް، ޕަބްލިކް ސަރވިސް މީޑިއާގެ (ޕީއެސްއެމް) ޗެއަރޕަރސަން އައިމިނަތު ނަމްޒާ، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަނުވާއާ ބައްދަލުކުރައްވައި ޙިއްޞާކުރައްވައިފިއެވެ. މި ޓްރެއިނިންގ ޕުރޮގުރާމު ބާއްވާފައިވަނީ، މިއަހަރުގެ ޖުލައި މަހު 07 އިން 18އާ ހަމައަށް ޗައިނާގެ ވެރިރަށް ބެއިޖިންގގެ އިތުރުން ސަންޔާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗެއަރޕަރސަން ނަމްޒާ ވަނީ، 20 ޤައުމަކުން 34 މީޑިއާ ފަންނުވެރިން ބައިވެރިވި މި ޕުރޮގުރާމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މި ޕުރޮގުރާމުގައި މީޑިއާ ކުންފިނިތަކުގެ ސީއީއޯއިންނާއި، މީޑިއާތަކުގެ އިސްމަޤާމުތައް ފުރުއްވާ ބޭފުޅުންނާ، މެނޭޖަރުންނާއި، ނޫސްވެރިން އަދި މި ދާއިރާގެ މާހިރުން ބައިވެރިވަޑައިގެންނެވިއެވެ. މި ޕުރޮގުރާމުގެ ތެރެއިން ޗައިނާގެ ތަރައްޤީގެ ތަޖުރިބާތަކާއި، މީޑިއާގެ ދާއިރާއަށް ގެނެވޭ އީޖާދީ ބަދަލުތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މުވާސަލާތީ ނިޒާމުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ބަދަލުކުރެވުނު ކަމުގައި ނަމްޒާ ވިދާޅުވިއެވެ.
މި ފުރުޞަތު ފަހިކޮށްދެއްވިކަމަށްޓަކައި ޗައިނާގެ ސަރުކާރަށާއި ސަފީރު ކޮންގއަށް ނަމްޒާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ޕުރޮގުރާމުން ލިބިވަޑައިގެންނެވި މައުލޫމާތާއި ތަޖްރިބާތަކަކީ ޕީއެސްއެމް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި މީޑިއާ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުސަތުތަކެއް ކަމުގައި ނަމްޒާ ފާހަގަކުރެއްވިއެވެ. ތަރައްޤީގެ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތަކީ މި ޕުރޮގުރާމުގައި އެންމެ ބޮޑަށް އަލިއަޅުވައިލި އެއް ކަންތައްކަން ފާހަގަކުރައްވައި ނަމްޒާ ވިދާޅުވީ، ރައްޔިތުންނަށް ފައިދާހުރި އަދި ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ޕަބްލިކް ސަރވިސް މީޑިއާއެއްގެ އެންމެ މުހިންމު ޒިންމާ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
ސަންޔާގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންގެ ފަރާތުން ނަމްޒާ ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ވިދާޅުވީ، ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި ހިތްހަމަޖެހުމާއި ޞުލްޙަ ޤާއިމުކުރުމުގައި މީޑިއާގެ ދައުރު ބޮޑު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި، ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެންމެން، އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަ އުޚްވަތްތެރި ދުނިޔެއެއް ބިނާކުރުމަށް މީޑިއާތަކަށް މަސައްކަތް ކުރެވިދާނެކަމުގެ ޔަޤީންކަން ނަމްޒާގެ ވާހަކަފުޅުގައި ދެއްވިއެވެ.
މި ޕުރޮގުރާމުން ދަސްވި ފަންނީ ހުނަރުތަކާއި ރަނގަޅު އުސޫލުތައް ޕީއެސްއެމުން އާންމު ރައްޔިތުންނާ ފޯރުކޮށްދޭ ޚިދުމަތްތަކުން ދައްކުވާދެއްވާނެ ކަމުގެ ޔަޤީންކަން، ސަފީރު ކޮންގއާ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ނަމްޒާ ދެއްވިއެވެ. އަދި ޗައިނާގެ މީޑިއާ އިންސްޓިޓިއުޓްތަކާ މި ދައިރާގެ ފަންނުވެރިންނާ ތަޖްރުބާކާރުންނާއެކު ގުޅުން ބަދަހިކޮށް ޕަބްލިކް ސަރވިސް ބްރޮޑްކާސްޓިންގެ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެނެއުމަށް މަސައްކަތްކުރައްވާ އަދި މީޑިއާ ގެ ޒަރިއްޔާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް ތަރައްޤީކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ނަމްޒާ ދިދާޅުވިއެވެ.
ޗައިނާގެ ސަފީރު ކޮންގ ވަނީ މި ޕުރޮގުރާމު ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވިކަމަށްޓަކައި ނަމްޒާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާގެ މީޑިއާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށާ، މިފަދަ މަޝްވަރާތަކާއި މީޑިއާގެ ޚިދުމަތްތައް ބަދަލުކުރުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ (ސީއައިޑީސީއޭ) ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުން އިންތިޒާމުކުރެއްވި މި ޕުރޮގުރާމުގައި ޗައިނާގެ އިޤްތިޞާދީ ކުރިއެރުންތަކާއި، ޑިޖިޓަލް ދާއިރާގެ ކުރިއެރުންތަކާއި، ފަޤީރުކަން ނައްތައިލުމާއި، ތިމާވެއްޓާ ރަޙުމަތްތެރި ތަރައްޤީއާއި، ބައިނަލްއަޤުވާމީ މުވާސަލާތު، މީޑިއާ އީޖާދުތައް އަދި ހައިނާން ފްރީ ޓްރޭޑް ޕޯޓާ ގުޅޭގޮތުން ގިނަ މަޢުލޫމާތުކެށް ހިއްސާކޮށް މި ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ހޯދުމުގެ ފުރުޞަތު ޕުރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.
މި ޕުރޮގުރާމުގެ ސަބަބުން ޗައިނާގެ ތަރައްޤީގެ ދަތުރު ނުހަނު ފުންކޮށް ފަހުމުވެ ޗައިނާގެ ކާމިޔާބީއާއި ތަޖްރިބާތަކުން ދަސްކުރޭވެނެ ގިނަ ފިލާވަޅުތަކެއް ހުރި ކަމަށް ގަބޫލުރަކުއްވާ ކަމަށާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާ އިސްވާރުންނާ ގުޅުން ބަދަހިކުރައްވަން އިތުރު ފުރުސަތަކެއް ލިބިވަޑައިގަންފިކަމަށާ އަދި، މި ތަޖުރިބާތަކުގެ އަލީގައި ޕަބްލިކް ސަރވިސް މީޑިއާއިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖެއާއި ޗައިނާގެ މީޑިއާ މުއައްސަސާތަކުގެ ދެމެދުގައި އޮތް ގުޅުން އިހުނައްވުރެ ވަރުގަދަވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ނަމްޒާ ވިދާޅުވިއެވެ.