ޚަބަރު

ސުލްޙަ ދަމަހައްޓަން ޕާކިސްތާނާއި އަފްޣާނިސްތާން އަނެއްކާވެސް މަޝްވަރާގެ މޭޒަށް


ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް، ތުރުކީވިލާތުގައި އަނެއްކާވެސް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމާލަންޖެހުނީ ދެ ޤަޢުމުން އެއްބަސްވުމަކަށް ނާދެވިގެންނެވެ.

އަފްޣާނިސްތާންގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރާއި ޕާކިސްތާނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ތުރުކީވިލާތާއި ޤަޠަރުންނެވެ.

މިދިޔަ މަހު ކުރީކޮޅު ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު، އޮކްޓޫބަރު 19ވަނަ ދުވަހުއެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް، އެ މަޝްވަރާތައް ނާކާމިޔާބުވީ، ދެ ފަރާތުގެ ދެެމެދުގައި އޮތް މައި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ޠާލިބާން ސަރުކާރުން އިންކާރު ކުރުމުން ކަމުގައި ޕާކިސްތާނުން ތުހުމަތު ކުރެއެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، 'ޕާކިސްތާން ޠާލިބާނަށް' ވާތްގާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ދެކޮޅު ހެދުމެވެ.

މަޝްވަރާތަކުގެ އައު ބުރެއް ފަށުމުގެ ކުރިން، ޕާކިސްތާނުގެ ދިފާޢީ ވަޒީރު، ޚަވާޖާ އާޞިފް އިއްޔެ ވިދާޅުވީ، ސުލްޙަ ޤާއިމުކޮށްފައި ބޭއްވުމަށް ޕާކިސްތާނުގެ އޮތީ އެންމެ ޝަރުތެއް ކަމަށެވެ. އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތުން ޕާކިސްތާނަށް ޙަމަލާދިނުން، ޠާލިބާން ސަރުކާރުން ހުއްޓުވުމެވެ.

ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރާއިރު، އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ކާބުލަށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޠާލިބާނުން ތުހުމަތު ކުރެއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބައްދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.