ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ސީނިއާ ޑަބަލްސް އަދި ސިންގަލްސް ބައިގެ އިވެންޓުތައް ނިންމާލައިފިއެވެ.
ހުޅުމާލެ ކެރަމް އެރީނާގައި ކުރިޔަށްދާ މި މުބާރާތުގެ ސީނިއާ ޑަބަލްސް އިވެންޓުން ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފަވަނީ އަދީލް އާދިލް އަދި ޚާތިމް ޚަލީލްގެ ޕެއާރއިންނެވެ. ފައިނަލު މެޗު އަދީލް އަދި ޚާތިމްގެ ޕެއާރއިން ކާމިޔާބުކޮށްފަވަނީ 20-18 އަދި 20-06 އިން މުހަންމަދު މުންތަސިރު އަދި ޔަމާން އަބްދުލްޖަލީލްގެ ޕެއާރ ބަލިކުރުމަށްފަހުއެވެ.
މި އިވެންޓުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އާމިނަތު ވިޝާމާ އަދި ފާތުމަތު ރަޔާނާ ހޯދާފަވަނީ 20-06 އަދި 22-05 އިން އާމިނަތު ޝުބާ އާދަމް އަދި އާމިނަތު ސިޔާމާގެ ޕެއާރ ބަލިކޮށްގެންނެވެ.
މި ކެޓެގަރީގެ 3 ވަނަ ހާސިލްކޮށްފަވަނީ އިސްމާއިލް އަޒްމީން އަދި އިބްރާހިމް ހުޖާންގެ ޕެއާރގެ އިތުރުން އާމިނަތު ވިދާދު އަދި އާއިޝަތު ނަހުފާގެ ޕެއާރއިންނެވެ.
ކެރަމް ކޮމިއުނިޓީ ޝީލްޑްގެ ސީނިއާ ފިރިހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފަވަނީ 2-1 ސެޓުން މެޗު ކާމިޔާބުކުރި ހަސަން ނާޒިމްއެވެ. މި ސެޓު އޭނާ ނަގާފަވަނީ 18-17، 13،17 އަދި 25-13 އިން އިބްރާހިމް ހުޖާން ބަލިކޮށްފައެވެ. މި އިވެންޓުގެ އަންހެން ޗެމްޕިއަންކަން ހާސިލްކުރީ ސީދާ ދެ ސެޓުން މެޗު ނެގި އާމިނަތު ވިދާދުއެވެ. އޭނާ ސެޓުތައް ގެންދިޔައީ 25-2 އަދި 19-14 އިން އާއިޝަތު ފައިނާޒް ބަލިކޮށްގެންނެވެ.
މިއީ މިއަހަރުގެ ޑިސެމްބަރުގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކެރަމް ވޯލްޑް ކަޕްގެ ކުރިން ސީއޭއެމްއިން ބާއްވާނެ ފަހު މުބާރާތެވެ. މިމުބާރާތް ފަށާފަވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.
ކެރަމް ކޮމިއުނިޓީ ޝީލްޑުގައި ކުރިއަށް ދިޔަ އިވެންޓުތަކަކީ ޖޫނިއާ ކެޓަގަރީގެ ބޯއީސް ސިންގަލްސް، ގާލްސް ސިންގަލްސް، ބޯއީސް ޑަބަލްސް އަދި ގާލްސް ޑަބަލްސް އިވެންޓުތަކެވެ. މީގެ އިތުރުން ސީނިއާ ކެޓެގަރީގައިވެސް ކުރިއަށް ދިޔައީ މެންސް ސިންގަލްސް، ވުމެންސް ސިންގަލްސް، މެންސް ޑަބަލްސް އަދި ވުމެންސް ޑަބަލްސް އިވެންޓުތަކެވެ.
މިމުބާރާތުގެ ޖޫނިއާ ކެޓެގަރީގައި ދެ ޖިންސު ހިމެނޭހެން 31 ކުއްޖަކު ވާދަކޮށްފަވާއިރު، ސީނިއާ ކެޓެގަރީގައި ޖުމްލަ 50 ބައިވެރިއަކު ވާދަކޮށްފަވެއެވެ.