ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރާ ސީނިއަރ ގައުމީ ފިރިހެން ޓީމާއި، އަންހެން ހޭންޑްބޯޅަ ޓީމާ ޖަރޒީ ޙަވާލުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ޓީމުތަކާއި ޖަރޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ނިހާދުއެވެ.
އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ހޭންޑްބޯޅަ، ޓޭބަލް ޓެނިހާއި، ފެތުމެވެ. މިމުބާރާތުގައި ވާދަކުރުމަށް ބައެއް ޓީމުތަކުން މިހާރުވަނީ ސައުދީއަށް ފުރާފައެވެ.
މިމުބާރާތް އެންމެފަހުން ބާއްވާފަވަނީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 9 އިން 18 އަށް ތުރުކީގެ ކޮންޔާގައެވެ. މިއަހަރުގެ މުބާރާތުގައި 57 ޤައުމަކުން ތިންހާހަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ
އިސްލާމީ ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2008 ވަނަ އަހަރުގައެވެ. އެއަހަރުގެ މުބާރާތް ކުރިއަށް ގޮސްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މައްކާ، މަދީނާ ޖިއްދާ އަދި ޠާއިފްގައެވެ.