ޚަބަރު

ދިފާޢީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް އަންނަ އަހަރު ބޮޑު ހޭދައެއް ކުރާނެ: ރައީސް


  • ކަޅުތުއްކަލާ ކޮށީގެ ބާ އިމާރާތްތަކުގެ މައްސަލައަށް ޙައްލު ގެންނަވާނެކަމަށް ވިދާޅުވީ

  • އައްޑޫގައި ޓްރެއިނިން މަރުކަޒެއް ތަރައްޤީކުރުމަށް ނިންމާފަވާކަން ހާމަކުރެއްވި

ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ސިފައިންނާ ފުލުހުންގެ ކުރިއެރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ނިންމަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ވޭތުވެދިޔަ 2 އަހަރުވެސް ދިފާއީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމުގައި ސިފައިންނާ ފުލުހުންގެ ޚިދުމަތާއި ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދީފަވާކަމަށް ވިދާޅުވިއެވެ.

ދިފާޢީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި 2.8 ބިލިޔަން ރުފިޔާ ހިމާނާފަވެއެވެ.

ރައީސް ވިދާޅުވީ މާލޭގައި މިހާރު ސިފައިން ބޭނުންކުރާ ބައެއް އިމާރާތްތަކަކީވެސް ވަރަށް ދުވަސްވެ، ބާވެފަވާ އިމާރާތްތަކެއްކަމަށާއި އެކަންކަމަށްވެސް ޙައްލު ގެނެސްދެއްވާނެކަމަށެވެ. އަދި ތަމްރީންތައް ދިނުމަށްވެސް އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތަކަށް ބޭނުންވެފަވާކަމަށެވެ.

"ކަޅުތުއްކަލާ ކޮށީގައި ސިފައިން ބޭނުންވާ އިމާރާތްތައްވެސް ދަނީ ބާވެ ވީރާނާވަމުން. އެކަން ނިމުމަކަށްގެނެސް ޙައްލު ހޯދައިދޭނަން. ދެކުނުން އައްޑޫ ސިޓީގައި ސިފައިންގެ ތަމްރީން މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި. ގިރިފުށީގައިވެސް ޓްރެނިން ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ފެށިފަ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްވެސް އަންނަ އަހަރުން ފެށިގެން އިތުރަށް ފުޅާކުރާނެކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކި، މި ޕްރޮގްރާމަށް 1000 ޒުވާނުންނަށް ފުރުޞަތު ދޭނެކަމަށެވެ. މިއަހަރު ހުޅުވާލި 300އެއްހާ ފުރުޞަތަށްވެސް 1200އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލިއެވެ.