1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ތަޖުރިބާކުރަން ޖެހުނު އެންމެ ބިރުވެރި ދުވަހެކެވެ. އެ ދުވަސް ދުށް މީހުން އިއްޔެ ހިނގި ކަމެއްގެ ގޮތުގައި އެ ދުވަހުގެ ވާހަކަތައް ކިޔައިދެއެވެ.
ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހިންގެ ތެރެއިން 7 ޚާއިނުން ޤައުމަށް ޣައްދާރުވެ، ޤާނޫނީ ވެރިކަން ވައްޓާލުމަށް ޢުދުވާނީ ޙަމަލާއެއް ދިނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަށް ފަތިސްވާން ގާތްވެފައި ވަނިކޮށެވެ.
އެ ދުވަހު އެންމެ ހިތްދަތި ތަޖުރިބާއެއް ކުރަންޖެހުނު އެއް ބޭފުޅަކީ އޭރުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހިމްގެ އޭރުގެ އަނބިކަނބަލުން ޑރ. އާމާލް އަލީއެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނަވާ މުލިޔާގެއަށްފަހު ދުޝްމަނުންގެ އަމާޒަކަށްވީ ރައީސުލްޖުމްހޫރިއްޔާއަށްފަހު ދެން ސިފައިންގޭގެ އެންމެ އިސްކޮށް ހުންނެވި، އިލްޔާސް ދިރިއުޅުއްވަމުން ގެންދެވި ކިނބިގަސްދޮށުގެއެވެ. އަދި އެ ގެއަށްގޮސް، އިލްޔާސް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.
ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޑރ. އާމާލްއަށް ހޭލެވުނީ ފަތިސް ވަގުތު، އިލްޔާސް ފޯނުން މީހަކާ ވާހަކަފުޅުދައްކަވާ އަޑަށެވެ. އެ ވަގުތު މާލެ ތެރެއިން ގަދައަށް ބަޑިޖަހާ އަޑު އިވެއެވެ. އެ ޖަހަމުންދާ ބަޑިއަކީ ދިވެހި ސިފައިންގެ ބަޑިއެއް ނޫންކަމާއި ދުޝްމަނުން ހަމަލާދެނީކަމަށް ޑރ. އާމާލް ގާތު އިލްޔާސް ވިދާޅުވިއެވެ. އެއާއެކު އާމާލް އަވަސްވެޑައިގަތީ އެ ދެމަފިރިންނާއެކު ގޭގައި ދިރިއުޅެމުންދިޔަ 3 ކުދިންނަށް ގޮވައި، ބަޔަކު އަރައިގެން އުޅޭކަމުގެ ޚަބަރު ދިނެވެ. އަދި އެ ކުދިން ހޭލެއްވުމަށްފަހު ޤުރުއާން ކިޔެވުމަށް އިރުޝާދުދެއްވިއެވެ.
ކުޑައިރުކޮޅެއް ފަހުން ކުއްލިއަކަށް ޑރ. އާމާލްއަށް އިވުނީ ބިއްލޫރިތަކެއް ތަޅައިގެން ދިޔަ އަޑެވެ. އެ އަޑު އިވުމާއެކު ނިދިކުރައްވާ ކޮޓަރިކޮޅުގައި ހުންނަ ބޭރު ފެންނަ ދޮރަކުން ބައްލަވާލެއްވިއެވެ. ބޭރު ބައްލަވާލެއްވިއިރު، އެކަމަނާއަށް ފެނިވަޑައިގަތީ މާލެ އަރައިގެން އުޅޭ ޓެރަރިސްޓުންގެ ތެރެއިން 3 މީހެކެވެ. އެ ވަގުތު އެ މީހުން އައިސް އެ ތިބީ ފިރިކަލުން އިލްޔާސް ހޯއްދަވަކަން ޑރ. އާމާލްއަށް އެނގިވަޑައިގެންނެވިއެވެ. ގޯތި ތެރޭގައި ހުންނަ އަނބު ގަހެއްގެ ސަބަބުން އެ ދޮރު ހުރިކަމެއް ޓެރަރިސްޓުންނަކަށް ނޭނގެއެވެ. އިލްޔާސް ޑރ. އާމާލަށް ދޮރު ލެއްޕެވުމަށް އިރުޝާދުދެއްވިއެވެ. އެއާއެކު އަވަހަށް ފިއްލެވުމަށް އިލްޔާސަށް ޑރ. އާމާލް ދެންނެވިއެވެ.
"އަޅުގަނޑު ދެންނެވީ އިލްޔާސް ހޯދާށޭ އަންނަނީ އަޅުގަނޑު ހޯދާކަށް ނޫނޭ. އެހެންވީމަ އަވަހަށް ފިއްލެވޭތޯ ބައްލަވާށޭ. އިލްޔާސް ކޮޓަރިއަށް ވަޑައިގަތީ." އެ ދުވަހުގެ ހަނދާންތައް ކިޔައިދެއްވަމުން ޑރ. އާމާލް ވިދާޅުވިއެވެ.
ޑރ. އާމާލް ހުންނެވީ ގޭގެ ފެންޑާ ތެރޭގައެވެ. އިލްޔާސް ހުންނެވީ ކޮޓަރިކޮޅުގެ ތެރޭގައި ފޯނުން ވާހަކަދައްކަވާށެވެ. ގޭގައި ދިރިއުޅެމުންދިޔަ ކުދިންނާއި ޑރ. އާމާލް މަޝްޢޫލުވީ ޤުރުއާން ކިޔެވުމަށެވެ. ދިމާވެފައިވާ ބިރުވެރި ދަނޑިވަޅުން ތަސައްލީއެއް ލިބޭތޯ މާތް ރަސްކަލާނގެ ކަލާމްފުޅު ވިދާޅުވަމުން ގެންދެވިއެވެ. އިރުކޮޅެއްފަހުން ބޭރު ދޮރުގެ ތަޅު ހަލާކުކޮށްލުމަށްފަހު، ޓެރަރިސްޓުންގެ ތެރެއިން ދެ މީހަކު ގޭގެ ތެރެއަށް ވަދެގަތެވެ. އެކަކު އަތޮގައި ބޮޑު ބަޑިއެއް އޮތެވެ. އަނެކަކުގެ އަތުގައި އޮތީ ބޮޑު ވަޅިއެކެވެ.
"އެކަކު އަޅުގަނޑާ ދިމާއަށް އައިއްސަ، އަނެކަކު ދެ ކޮޓަރިއަށް ވަނީ. ކޮޓަރީގައި ހުރި ކުއްޖާ ގޮވައިގެން ނުކުތީ ބޭރަށް." ޑރ. އާމާލް ވިދާޅުވިއެވެ.
ޓެރަރިސްޓުން ވަތް ވަގުތު، ފޮތް ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ކޮޓަރީގައި ހުރި ދޮރަކުން ނުކުމެވަޑައިގެން އިލްޔާސް ފިއްލަވައިފިއެވެ.
"އިލްޔާސް ވަޑައިގެން ބަގީޗާގައި ހުރި ބޮޑު ގަހަކުން ޖެހިގެން ހުރި ގޭ ފުރާޅު މައްޗަށް ދިޔައީ. ފުރާޅުގައި ޖެހުނީމަ ފުރާޅާ އެކުގައި ވެއްޓުނީ." ޑރ. އާމާލް ވިދާޅުވިއެވެ.
ޓެރަރިސްޓުން ގެއަށް ވަދެ ބަލައި ފާސްކުރަމުން ދަނިކޮށް، ޢާއިލާގެ ފޮޓޯއެއް އެ މީހުންނަށް ފެނުނެވެ. އެ ފޮޓޯގައި އޭރުގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމްވެސް ހުންނެވިއެވެ. އެ ފޮޓޯ ފެނުމާއެކު ރައީސް މަޢުމޫނަށް އިނގިލިން އިޝާރަތްކުރުމަށްފަހު "އޭނާ ކޮބާހޭ" މިފަދައިން ޓެރަރިސްޓުން ބުންޏެވެ. އެހެން ބުނުމާއެކު "އޭނާ މި ގެއަކު ނޫޅެއޭ" ބުނެ ގޭގައި ދިރިއުޅެމުންދިޔަ ކުއްޖަކު ޓެރަރިސްޓުންނަށް ޖަވާބުދިނެވެ. އެއާއެކު ޓެރަރިސްޓުން ގޭގެ އެތެރިން ނުކުތެވެ.
މިކަންކަން ހިނގާދިއުމާއެކު މުޅި ގެއަށްވަނީ ބޮޑު ސިހުމެއް އައިސްފައެވެ. ހިތްތަކަށްވަނީ ބިރުވެރިކަން ވަދެފައެވެ. އިލްޔާސްގެ ސަލާމަތާ މެދު ޑރ. އާމާލް ހުންނެވީ ނުހަނު ކަންބޮޑުވެވަޑައިގެންފައެވެ. އިތުރަށް ހާސްވާ ގޮތްވީ، މީހެއްގެ ހަށިގަނޑު ގޭގެ ދޮރުމަތިން ފެނިވަޑައިގަތުމާއެކުއެވެ. ފެނިވަޑައިގަތީ މީހެއްގެ ފައި އެކަންޏެވެ. އޮތްގޮތުން ވެއްޓިފައި އޮތްކަން އެނގެއެވެ. ނަމަވެސް ބަލާލަންދާ ހިތްވަރެއް ވެސް ގަޔަކު ނެތެވެ. އިރުކޮޅެއް ފަހުން އޭރު ސިފައިންގޭގެ މަތީ މަޤާމެއްގައި ހުންނެވި އިބްރާހިމްދީ ކިޔާ ބޭފުޅަކު ވަރަށް ހަލުވި ދުވެލީގައި އައިސް ކިނބިގަސްދޮށުގެއަށް ވަދެވަޑައިގަތެވެ.
"ވަޑައިގެން ވިދާޅުވަނީ ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތްތަނެއް އެނގޭހޭ. ތަޅުދަނޑިއެއް އޮތިއްޔާ އޮތް ތަނެއް އަޅުގަނޑަށް އެނގެޔޭ އަޅުގަނޑު ދެންނެވިން. ދެން ވިދާޅުވީ އަވަހަށް ގެނެސްދޭށޭ. ދެން އަޅުގަނޑު ގޮއްސަ ތަޅުދަނޑި ދީފިން." ޑރ. އާމާލް ވިދާޅުވިއެވެ.
ސިފައިންގޭގެ ބަޑި ގުދަނުގެ ދަޅުދަނޑި ޑރ. އާމާލް އިބްރާހިމްދީއާ ހަވާލުކުރެއްވިއެވެ. އެއަށްފަހު ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ގާތްގަނޑަކަށް ހެނދުނު 8 ޖަހަންދެން ގެކޮޅުގައި ވަގުތު ހޭދަކުރެއްވިއެވެ. އިރުކޮޅެއްފަހުން އަވަށްޓެރި ދެތިން މީހަކު ކިނބިގަސްދޮށަށް އައެވެ. ދޮރުމައްޗަށް ޝަހީދުވެގެން ވެއްޓިފައި އޮތީ އިލްޔާސްގެ ކާރުކޮޅު ދުއްވާ ޑްރައިވަރު ތުއްތަނިކުކަން ޑރ. އާމާލްއަށް އެނގިވަޑައިގަތީ އަވަށްޓެރިއެއްގެ ގެއަށްދާން ނުކުމެވަޑައިގެން ހިސާބުންނެވެ.
ފިރިކަލުންގެ ސަލާމަތަށް ނުހަނު ކަންބޮޑުވެ، ޤައުމުގެ ސަލާމަތާއި މިނިވަންކަމަށް އެދިއެދި އޮތް ހާލުގައި ދެން ޑރ. އާމާލްއަށް އައްސަވަން ޖެހުނީ ހަމަ އެހާމެ ހިތާމަވެރި ޚަބަރެކެވެ. އަރައިގެން އުޅޭ ލާއިންސާނީ ރަޙުމުކުޑަ ޓެރަރިސްޓުންގެ މަދަދުވެރިއަކީ މައިފުށުގެ ބޮޑުބޭބެ ހަޖާރާގޭ ޢަބްދުﷲ ލުޠުފީކަމެވެ. ޓެރަރިސްޓުންނަށް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު ދެއްކީ ބޮޑުބޭބެކަމެވެ. މުޅި ހަމަލާގެ އިސް މޭސްތިރިއަކީ އޭނާކަމެވެ. މި ވާހަކަ އެނގިވަޑައިގަތުންވީ ހިތާމައިގެ ކޮޅެއް ނެތް ކަރުނަތައް ފާއްދާލި ކަމަކަށެވެ.
"ބޮޑުބޭބެކަން އެނގުމުން މާމައަށް ހާޓް އެޓޭކެއްވެސް ޖެހުނު." ޑރ. އާމާލް ވިދާޅުވިއެވެ.
އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ދިވެހިން މިންޖުކުރައްވައި، ހިތްވަރުގަދަ ދިވެހި ސިފައިންގެ މިންނަތުން ޤައުމަށް ނަޞްރު މިންވަރުކޮށްދެއްވުން އެއީ އެ ދުވަސް ދުށް ކޮންމެ މީހަކު ހިތުގެ އެންމެ އަޑިން ޝުކުރުވެރިވާނެ ކަމެކެވެ. އަދި އެކަމަށް ދިވެހި ކޮންމެ ރައްޔިތެއްގެ އިތުރުން އަންނަން އޮތް ޖީލުތަކުގެ ދިވެހިންވެސް ޝުކުރުކުރާނެއެވެ. މިންނަތްކުރި ސިފައިންނަށް ސާބަސް ދޭނެއެވެ.
ޣައްދާރު ކެހެވެރިންގެ ކިބައިން މި ލޮބުވެތި ޤައުމު އަބަދުވެސް ސަލާމަތްކުރައްވާށިއެވެ. 3 ނޮވެންބަރުގެ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!