ކުޅިވަރު

އެއްވަރުވުމުގެ އަސްލަކީ މަޑު ގިނީގަ ތިބެވުން: ނަޒީހު


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ކުލަބް ވެލެންސިއާ އާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުގެ މައިގަނޑު ސަބަބަކީ ކުޅުންތެރިންނަށް ދިން އިރުޝާދާ އެއްގޮތަށް އަމަލުނުކުރެވި މަޑު ގިނީގައި ތިބެވުންކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ.

މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނަޒީހު ބުނީ މެޗަށް ނުކުތީ ހަ ޕޮއިންޓު ހޯދުމުގެ އަމާޒުގަކަމަށެވެ. އެހެންނަމަވެސް އެއަމާޒަށް ވާސިލްނުވެވުނީ ކުޅުންތެރިންނަށް ދިން އިރުޝާދާ އެއްގޮތަށް އަމަލުނުކުރުމުންކަމަށް ގަބޫލުކުރާކަމަށެވެ. ނަޒީހު ބުނީ ކަންކަން ގޯސްކޮށް ކުރުމަށްފަހު ރަނގަޅު ނަތީޖާއަކަށް އުންމީދުކުރުމަކީ މޮޔަކަމެއްކަމަށެވެ.
"ދިން ބްރީފިން ޓައިމްގަ އެދެކެވުނު ގާތްގަނޑަކަށް ވިއްސަކަށް ފަންސަވީހަކަށް މިނިޓުގަ ވާހަކަދައްކާނެ. އެދެކެވުނު ފަންސަވީހަކަށް މިނިޓުގެ އެއް މިނިޓު އެޕްލައިކުރި ނަމަވެސް މޮޅުވީސް" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ފުޓްބޯޅައަކީ އޮޅުންބޮޅުން ބޮޑު ކުޅިވަރެއް ނޫންކަމަށެވެ. ދެވުނު އިރުޝާދާ އެއްގޮތަށް އަމަލުކުރެވުނު ނަމަ ކާމިޔާބު ލިބުނީސްކަމަށް އޭނާ ބުނެފަވެއެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއެއްގެ ޕޮޒިޝަނަށް ކުޅެމުން ގެންދިއުމަކީ ފުޓްބޯޅައިގައި ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

"މިޑްފީލްޑުގަ ކުޅޭ މީހަކީ މިޑްފީލްޑަރެއްކަން ދެނެގަންނަންވީ. އަރިއަރިމައްޗަށް ނުކުމެގެން ބޯޅަ ހޯދަން ނުކުމެ އަނެއްކާ ފްލޭންކްކޮށް ކުޅޭ މީހަކީ ޔޫވީއިން މިގެންގުޅޭ ސްޓްރެޓެޖީގަ ދިގު ހުރަސްތަކެއްޖަހާ ޕްލެޔަރެއް ނޫން" ނަޒީހު ބުންޏެވެ.

އެހެންނަމަވެސް ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެން ދިޔައީ ދެ އަރިމަތިންވެސް ހުރަސްކުރަން އުޅުނުތަން ކަމަށާ މީގެ ކުރިން ޔޫވީއިން މެޗުތައް ކުޅެފަވާއިރު މިފަދަ މަންޒަރެއް މީގެ ކުރިން ފެނިފައިނުވާކަމަށް ނަޒީހު ބުންޏެވެ. ނަޒީހު ބުނީ ދީފައިވާ އިރުޝާދަށް އަމަލުނުކުރުމުން ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓުކަމަށެވެ.
މެޗުގެ ނަތީޖާ އެފަދައިން ނުކުތް ސަބަބެއްކަމަށް ބޮޑަށް ބެލެވެނީ މެޗު މާބޮޑަށް ފަސޭހަކޮށްލާ ވެލެންސިއާއަކީ ފަސޭހައިން ބަލިކުރެވިދާނެ ޓީމެއްކަމަށް ޔޫވީގެ ކުޅުންތެރިންނަށް ގަބޫލުކުރެވުންކަމަށް ދެކޭކަމަށް ނަޒީހު ބުންޏެވެ.

"އަންޑައެސްޓިމޭޓް ކުރީކީ ނޫން އަސްލު އީޒީ ކުރީ. އެކަމަކު ވެލެންސިއާ ކުޅެފަ ހުރި މެޗުތަކުގެ ރިޒަލްޓަށް ބިނާކޮށް ކުޅުންތެރިން ތިބީ މިއީ އަހަރުމެންގެ މަޑުގިނީގަވެސް ވާވަރުކަމެކޭ، އެގޮތަށް ވިސްނިފަކަންނޭނގެ" ނަޒީހު ބުންޏެވެ.

ނަޒީހު އިތުރަށް ބުނީ މެޗުގެ ފުރަތަމަ ހާފުގެ ތެރެއިން ޔޫވީއިން މެޗު ފަސޭހަކޮށްލި މަންޒަރާއި، ޓީމު ރޫޅި ކުޅުންތެރިން ޕޮޒިޝަންތަކުން ބޮއްސުންލި މަންޒަރު ވަރަށް ބޮޑަށް ފެނުނުކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ޔޫވީގެ ކުޅުންތެރިންނަކީ ހުނަރުވެރި ބައެއްކަމަށާ އެ ހުނަރުގެ ބޭނުންނުކުރުމުން މެޗުގެ ނަތީޖާ އެހެންނުކުތީކަމަށް އޭނާ ބުންޏެވެ.
ނަޒީހު ބުނީ ކާމިޔާބު ހޯދަން ބޭނުންވާނަމަ އެވަގުތަކު ހުންނަ ކޯޗެއްގެ އިރުޝާދަށް ޢަމަލުކުރުމަކީ ކޮންމެހެންވެސް ބޭނުންކަމެއް ކަމަށެވެ. އަދި ފަރިތަކުރުންތަކަށް ބަރާބަރަށް އައުމާއި، ކުޅުންތެރިންގެ ކުޅިވަރުގެ އަޚުލާޤު ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށް ނަޒީހު ފާހަގަކުރިއެވެ.

މާދަމާ ހަވީރު ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ޔޫވީއިން ނުކުތުމަށް ތައްޔާރުވަމުން އަންނައިރު އެޓީމަކީ މޮޅު ޓީމެއްކަމަށް ނަޒީހު ބުންޏެވެ. އެޓީމަކީ ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން ލީގާ ކުރިމަތިލަމުން އަންނަ ޓީމަކަށްވުމާއި، ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްކަމުން ޔޫވީއަށް އެމެޗު ފަސޭހަނުވާނެކަމަށް ނަޒީހު ބުންޏެވެ.
"ވިކްޓްރީގަ އެއޮތް ސްކޮޑަކީ ވަރަށް ރަނގަޅު ނަތީޖާއަކަށް ކުޅެވޭނެވަރުގެ ސްކޮޑެއް މިސީޒަނުގައި. އެހެންވީމަ މިމެޗަށްވުރެ މާބޮޑުތަން އުނދަގުވާނެ ވިކްޓްރީއާއެކު ކުޅެން" ނަޒީހު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން މިވަގުތު އޮތީ ކުޅުނު ފަސްމެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، އެއްމެޗުން އެއްވަރުވެ އެއް މެޗު ކާމިޔާބުކޮށް ލިބުނު ހަތަރު ޕޮއިންޓާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބަށްވުރެ ދެ ޕޮއިންޓު މަދުން ތާވަލުގެ ހަވަނައިގައެވެ.