 
										
			ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފިއެވެ. މިއީ 1 ނޮވެމްބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. 
"ނެޝެނަލް ޓޯޗް ރަން" މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ދުވުން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގައެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. 
މި ދުވުމަކީ ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ. 
		
 
										 
										
			މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ. އަދި މިކަން ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށްއެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާލާނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް  މިހާރު އަޅާފައިވާ ހަރުދަނާ އަދި ގިނަގުނަ ފިޔަވަޅުތަކަށް ބަލާއިރު އަޅުގަނޑުމެން މިތިބީ މިފަދަ ތަފާތު އެކަމަކު ދުރު ރާސްތާގައި ހެޔޮ ނަތީޖާ ލިއްބައިދޭނެ ޖެނެރޭޝަނަލް ބޭން ސިޔާސަތަށް ތައްޔާރު ހާލަތުގައި. މިފަދަ ސިޔާސަތެއް ތަންފީޒުކުރުމަށް އެންމެ މުހިންމު ވެގެންދަނީ ޕޮލިޓިކަލް ކޮމިޓްމަންޓް. ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ދުންފަތް ކޮންޓްރޯކުރުމާއި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކުރުމަށް ހުރިހާ އިދާރާއަކުން މަސައްކަތްކުރާ ތަން." ޙަސަން މުޙައްމަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން ވަނީ ރާއްޖޭގައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށިފެށުމަކީ ދުޅަހެޔޮ މުސްތަޤުބަލަކަށް ރާއްޖެފަދަ ކުޑަ ޤައުމަކުން އެޅި ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމަށް ޑަބްލިޔުއެޗްއޯއިން މަރުޚަބާ ކިޔާކަމަށްވެސް ޕޭޑެން ވިދާޅުވިއެވެ.
		
 
										 
										 
										
			މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. 
"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.