ޚަބަރު

ޖެނަރޭޝަނަލް ބޭން އޮން ޓޮބޭކޯ: ސްކޫލް ދަރިވަރުން ދުންފަތާއި ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް


  • ސްކޫލް މާހައުލުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކުރާނެ

  • މިއީ ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުމަށްވެސް ލިބޭނެ ހައްލެއް

ދުންފަތުން ދުރުހެލިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މިއަދު ތަންފީޒް ކުރަން ފެށި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ އަދުގެ ޖީލުތަކަށާއި އަންނަން އޮތް އެތަކެއް ޖީލުތަކަށް އޭގެއިން ގިނަ ފައިދާތަކެއް ލިބޭނެ ކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ.

މި ބޭން ތަންފީޒްކުރަން ފެށުމުން މީގެ ފައިދާ ކުރާނެ އެއް ބަޔަކީ ސްކޫލް މާހައުލުގައި އުޅޭ ދަރިވަރުންނެވެ. މިއީ ސްކޫލް ދަރިވަރުން ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެޅޭ ބާރެކެވެ.

ހިތާމައާއެކު ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ، މަދުންނަމަވެސް ސްކޫލަށްދާ ދަރިވަރުންވެސް ދުންފަތުގެ އިސްތިޢުމާލް ކުރާކަމެވެ. މިއީ އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި މުޅި ތަޢުލީމީ ދާއިރާގައިވެސް މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުމެކެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ މި ކަންބޮޑުވުމަށް ހައްލެއް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ކަނޑައެޅުއްވި ޖެނެރޭޝަނަލް ބޭންއެވެ. ރައީސްގެ މި ފިޔަވަޅާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފްކުރަމުންނެވެ. ޚާއްސަގޮތެއްގައި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން އެކަން ފާހަގަކުރައްވައެވެ.

ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށް އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ސްކޫލްތަކުންނެވެ. އެހެންކަމުން ސްކޫލް މާހައުލުން މިކަމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންވެސް ހޭލުންތެރިކުރާނެއެވެ.

ދިވެހިންނަށް ދިމާވެފައިވާ ދުންފަތުގެ ނުރައްކަލުގެ އިޖުތިމާޢީ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެ މުހިންމު އެއް ކަމަކީ ދުންފަތާ ދުރު ޖީލެއް އުފެއްދުންކަމާމެދު ގިނަ ބަޔަކު އިއްތިފާގުވާނެއެވެ. ދުންފަތް މަނާކުރުމަށް އެޅުއްވި ފިޔަވަޅުގެ ފަސްމަންޒަރަކީ މިއީއެވެ. މުރާލިކަމާއި ހީވާގިކަމާއި މަސައްކަތްކުރަންކެރޭ ޖީލެއް އުފެއްދުމެވެ. ދުންފަތް މަނާ ޖީލެއް އުފެދިގެންދިއުމާއެކު ސިއްޙީ ގޮތުން ދުޅަހެޔޮ، ނުރަނގަޅު އެކި އާދަތަކުން އެއްކިބާވެގެންވާ މުޖުތަމަޢެއް ބިނާކުރެވޭނެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވެފައިވެއެވެ

އެހެންކަމުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން، ދުންފަތުގެ އިސްތިއުމާލުކުރުން މިއަދުން ފެށިގެން މަނާވާނެއެވެ. އަދި މި ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާވާނެއެވެ.