ޚަބަރު

އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި


  • އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށީ، މިދިޔަ އޮކްޓޫބަރ 27 ގައި

އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ. ދަތުރުތައް އިތުރުކޮށްފައިވަނީ، ޑިމާންޑް އިތުރުވުމާއި ގުޅިގެންނެވެ.

އެއަރ އަރަބިއާއިން މިހާރު ރާއްޖެއަށް ކުރަނީ، ދުވާލަކު އެއް ދަތުރެވެ. ނަމަވެސް އެ އެއަރލައިިނުން މިހާރު ވަނީ، މި ދަތުރުތަކުގެ އަދަދު ދުވާލަކު 2 ދަތުރަށް އިތުރުކޮށްފައެވެ.

އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ، ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ދެމެދެވެ. އެއަރ އަރަބިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށީ، މިދިޔަ އޮކްޓޫބަރ 27 ގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށްފަހު އެއަރ އަރަބިއާ ވެފައިވަނީ، އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއަރލައިނަށެވެ. އެ އެއަރލައިންގެ ދަތުރުތައް އައު ޓާމިނަލްއަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.

އެއަރ އަރަބިއާއަކީ، ޔޫއޭއީގެ އެއަރލައިނެކެވެ. ޔޫއޭއީއަކީ، މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ޔޫއޭއީން ރާއްޖެއަށް 14،897 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ، 12،279 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %21.3 އިތުރު އަދަދެކެވެ.