ޚަބަރު

ބްރެޒިލްގެ ނުރައްކާތެރި ގޭންގަކާ ދެކޮޅަށް ފުލުހުން ޖެހި ރޭޑެއްގައި 132 މީހުން މަރުވެއްޖެ


‎ބްރެޒިލްގެ ގޭންގަކާ ދެކޮޅަށް އެ ޤައުމުގެ ފުލުހުން ޖެހި ރޭޑެއްގައި 132 މަރުވެއްޖެއެވެ. މިއީ ބްރެޒިލްގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ފުލުހުންގެ މި ފަދަ ޙަރަކާތަކެވެ.

ރިއޯ ޑީ ޖަނެއިރޯގެ ފުލުހުން ބުނީ ޑްރަގާ ގުޅުންހުރި ވަރުގަދަ ގޭންގަކަށް އަމާޒުކޮށް ޖެހި ރޭޑު އިދާރާތަކުން ރާވަމުންދާތާ ދެ މަސް ދުވަސްވެފައިވާ ކަމަށެވެ. އެ ރޭޑު ފަރުމާކޮށްފައި ވަނީ ތުހުމަތު ކުރެވޭ މީހުން ރިއޯ ޑީ ޖަނެއިރޯގެ ޖަންގަލީ ސަރަޙައްދަކަށް ދާނޭހެން ކަމަށާއި އެ މީހުން އެ ސަރަޙައްދަށް ދިޔުމުން އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބި ފުލުހުން ތުހުމަތުކުރެވޭ މީހުން ވަށާލައި ހައްޔަރު ކުރާ ގޮތަށް ކަމަށެވެ. ރޭޑު ތެރެއިން ކުރިމަތިލުންތައް ހިނގާނެ ކަމަށް ފުލުހުން ތައްޔާރަށް ތިބި ނަމަވެސް އެހާ ގިނަ ޢަދަދެއްގެ މީހުން އެ ރޭޑޫގައި މަރުވުމަކީ ފުލުހުން ބޭނުންވި ގޮތް ނޫން ކަމަށް ރިއޯ ސްޓޭޓުގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާ، ވިކްޓާ ސަންތޯސް ވިދާޅުވިއެވެ. އެ ރޭޑުގައި 113 މިހުން ހައްޔަރުކޮށް، 118 ހަތިޔާރު ވަނީ އަތުލައިގެންފައެވެ.

މިހާތަނަށް 119 މީހެއްގެ މަރު ކަށަވަރުކޮށްފައިވާ އިރު މަރުވި މީހުންގެ ތެރޭގައި ހަތަރު ފުލުހުން ވެސް ހިމެނެއެވެ. މަރުވި މީހުންގެ ޖުމްލަ ޢަދަދު 132އަކަށް އަރާނެ ކަމަށް ބެލެވެއެވެ. މަރުވި މީހުންގެ ޢާއިލާތަކުން ބުނީ އެ މީހުންނަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށެވެ.

ބްރެޒިލްގައި މި ފަދަ ހާދިޘާއެއް ހިނގާފައި މި ވަނީ މި މަހުގެ ތެރޭގައި ރިއޯ ޑީ ޖަނެއިރޯގައި ބައިނަލްއަޤްވާމީ މޫސުމާބެހޭ މުހިންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. އޭގެ ތެރޭގައި އދގެ ކޮޕް30 މޫސުމާބެހޭ މަޝްވަރާތައް ހިމެނެއެވެ. ސަންތޯސް ވިދާޅުވީ ހާދިޘާއާއި އެ ޙަރަކާތްތަކާ ގުޅުމެއް ނުވާ ކަމަށެވެ.

2021ވަނަ އަހަރުގެ ތެރޭގައި ވެސް ބްރެޒިލްގެ ޜަކަރެޒީން އަވަށުގައި ވެސް ގިނަ ޢަދަދެއްގެ މީހުން މަރުވި ފުލުހުންގެ ޙަރަކާތެއް ހިންގާފައިވެއެވެ. އެ ފަހަރު 28 މީހުން މަރުވެފައިވެއެވެ. އޭގެ ގާތްގަނޑަށް 30 އަހަރު ކުރިން ސައޯ ޕައުލޯގައި ޖަލެއްގައި ކުރި ހަޅުތާލެއް ހުއްޓުވުމަށް ފުލުހުން ހިންގި ޙަރަކާތެއްގައި 111 މީހުން މަރުވެފައިވެއެވެ.