ޚަބަރު

ކުޅުދުއްފުށީ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް، މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ


  • މި މަސައްކަތުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައި

  • ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރާނެ

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް މިއަހަރުގެ ޖޫން މަހު ވަނީ ޖަޕާނުގެ ކެނެޑޭވިއާއާ ހަވާލުކޮށްފައެވެ.

މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޑީސެލިނޭޝަން ޕްލާންޓަކީ މުޅި އެސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެެކެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރާނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވަހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަޝްރޫޢުގައި ބޭނުންކުރާ ޕްލާންޓްވެސް ރާއްޖެ ގެނެސްފައިވާކަމަށާއި ސޯލާ ޖެހުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއަޓާގައި އެ މަސައްކަތް ނިންމުންކަމަށް މަތީން ވިދާޅުވިއެވެ.

"މި ވާނެ ރާއްޖޭގައި ވަރަށް ރަނގަޅު ތަޖުރިބާއަކަށް. އަމާޒަކީ ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްތައް ދެމުން ގެންދިޔުން. ކުޅުދުއްފުށީގައި މި ކުރާ ތަޖުރިބާގައި ރާއްޖޭގެ އެހެން ރަށްރަށުގައި ހިއްސާކުރަމުން ގެންދާނަން ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްތައް ޤާއިމްކުރުމުގައި." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވިއެވެ.

ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ. އެގޮތުން ކުންފުނީގެ ކޭޝްފްލޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިން އެހީގައި މި ޚަރަދުތައް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މަޝްރޫޢުގެ ބާކީ ޚަރަދުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުން ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަސައްކަތަކީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދެވޭނެފަދަ މަޝްރޫޢެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ފެން އުފެއްދުމުގެ ނިޒާމުތަކެއް ރަށްރަށުގައި ޤާޢިމްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.