ކުޅިވަރު

ބާސެލޯނާ – ވިޔަރެއާލް އެމެރިކާގައި ކުޅެން އުޅުނު މެޗު ކެންސަލްކޮށްފި


ބާސެލޯނާ އާއި ވިޔަރެއާލް ސްޕެނިޝް ލީގުގައި ކުޅެން ޖެހޭ މެޗު އެމެރިކާގައި ކުޅެން ހަމަޖައްސިތާ ދެ މަސް ފަހުން އެ މެޗު ކެންސަލް ކޮށްފި އެވެ.

ސްޕެނިޝް ލީގުން ބުނީ މި މެޗު މިހާރު ކުޅޭނީ ކުރިން ހަމަޖެހިފައިވާ ގޮތަށް ވިޔަރެއާލްގެ ދަނޑުގަ އެވެ. ސްޕެނިޝް ލީގާއި ޔޫއޭފާގެ ވެސް ރުހުމާއެކު ބާސެލޯނާއިން މަސައްކަތް ކުރަމުންދިޔައީ ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގުގެ މެޗެއް ސްޕޭނުން ބޭރުގައި ކުޅުމަށެވެ. މިއީ ގިނަ ފައިސާ ހޯދައި ކުލަބު އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރަން އުޅުނު ކަމެކެވެ.

ނަމަވެސް މެޗު ކެންސަލް ކުރަން ޖެހުނީ ސްޕޭނުގެ އެހެން ބައެއް ކުލަބުތަކުން ހާއްސަކޮށް ރެއާލް މެޑްރިޑް އިސްވެތިބެ މިކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަން ފެށުމުންނެވެ. މި ގޮތުން އެމެރިކާގައި ކުޅެން އުޅުނު މެޗާ ދެކޮޅަށް ހުސްވި ހަފުތާއިން ފެށިގެން ސްޕޭނުގެ ކުލަބުތަކުން ދިޔައީ ކޮންމެ މެޗެއްގެ ވެސް ފުރަތަމަ 15 ސިކުންތުގައި ނުރުހުން ފާޅު ކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ކުޅުންތެރިން އިހުތިޖާޖު ކުރުމުގެ ގޮތުން ހަރަކާތް ނުކޮށް ތިބުން ހިމެނެ އެވެ.

މެޗު ކެންސަލް ކުރުމުން ބާސެލޯނާއިން ބުނީ މިއީ މެޗެއް މާކެޓްކޮށް، އެތައް މަސައްކަތެއް ކުރުމަށް ފަހު ލިބުނު ދެރައެއް ކަމަށާއި ނަމަވެސް ނިންމުން ބަލައިގަންނަ ކަމަށެވެ.

ސްޕޭނުގެ ނުފޫޒުގަދަ ނޫސްވެރިން ބުނާ ގޮތުގައި މިއީ ސްޕެނިޝް ލީގުގެ މެޗެއް އެ ގައުމުން ބޭރުގައި ކުޅުމަށް ސްޕެނިޝް ލީގުން ވެސް ކުރާ މަސައްކަތަށް ނިމުން އަންނާނެ ކަމެއް ނޫން ކަމަށެވެ.

ހާއްސަކޮށް ސްޕެނިޝް ލީގުގެ ރައީސް ކަމުގައި ހާވިއާ ޓެބާސް ހުންނަވައިފިނަމަ މިކަން ކުރުމަށް އަދިވެސް ބާރު އަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން މެޗު ކެންސަލް ކުރުމުގައި ވިޔަރެއާލްގެ އަތެއްވާ ކަމަށް ވެސް ބައެއް ނޫސްވެރިން ތުހުމަތު ކުރެ އެވެ. ސަބަބަކީ މި މެޗަށް ދިގު ދަތުރެއް ކުރަން ޖެހޭއިރު ބާސެލޯނާ އަށް ލިބޭ ފަދަ އާމްދަނީ އެއް ވިޔަރެއާލް އަށް ނުލިބޭތީ ކަމަށެވެ.