ކުޅިވަރު

އެންފީލްޑްގައި ޔުނައިޓެޑުން ލިވަޕޫލް ރޮއްވާލައިފި


ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި އެ ކުލަބު 2-1އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އުއްމީދު އާކޮށްފި އެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެމްބުއެމޯ އެވެ. މިއަށް ފަހު ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނިޓްގައި ކޯޑީ ގަޕޯ އެވެ. އޭގެ ހަ މިނިޓް ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާ އެވެ.

މިއީ 400 ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ މި ސީޒަނުގައި ވިދިވިދިގެން ލިވަޕޫލް ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 2014 ވަނަ އަހަރު އެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ލިވަޕޫލަށް ވުރެ ކުރީގައި މިވަގުތު އޮތީ15 ޕޮއިންޓާއެކު ބޯނެމައުތާއި 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އާއި 19 ޕޮއިންޓާއެކު އެއްވަނާގައި އޮތް އާސެނަލް އެވެ.

ޔުނައިޓެޑްގެ ޑިފެންޑަރު: ހެރީ މެގުއާ

މެޗަށް ފަހު ޔުނައިޓެޑްގެ ހެރީ މެގުއާ ބުނީ މިއީ އުފާވެރި ވަގުތެއް ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި އަހަރުމެންނަށް ވުރެ އެ މީހުން އުޅުނީ ކުރީގައި. މިއީ އަހަރުމެންގެ ކުލަބަށް ވެސް ސަޕޯޓަރުންނަށް އެހާ ކަމުދާ ގޮތެއް ނޫން. އަދި މިދިޔަ ދުވަސްތަކުގައި މި ގޮތަށް އަހަރުމެން ސަޕޯޓަރުން އުފާކުރާނެ ދުވަސްތަކެއް އަހަރުމެންނަށް ހޯދައިދެވިފައިވަނީ ވަރަށް މަދު ފަހަރަކު. އެހެންވީމާ މިއީ ވަރަށް ރަނގަޅު މޮޅެއް،" މެގުއާ ބުންޏެވެ.

ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް

ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނީ މިއީ ދަތި ވަގުތެއް ކަމަށާއި މިފަދަ ވަގުތުތަކުގައި އެންމެ މުހިންމީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"އަހަރުމެން އަތަށް ބޯޅަ ދީފައި އެ މީހުން ތިބީ ވަރަށް ރަނގަޅަށް ރޭވިގެން. އަހަރުމެން ގިނަ ފުރުސަތު ހޯދިން. އެހަރުމެންނަށް މެޗުގެ ތެރެއަށް ވެދެވުނީ މާފަހުން. އަހަރުމެން ރަނގަޅަށް ކުޅުނަސް އެ މީހުން ޑިފެންސް ކުރީ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރުމެން ބަލި މިވީ. ފުޓްބޯޅައިގައި ފެންނާނީ ކުޅުމެއް ނޫން. ނަތީޖާ. އެހެންވީމާ މި އުނދަގޫ ވަގުތުގައި ހާއްސަކޮށް ބަލިވީމާ އެންމެން އެކުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭނީ،" ވެންޑައިކް ބުންޏެވެ.

ލިވަޕޫލްގެ ފޯމު ދަށްވުމާ ބެހޭ ގޮތުން ކޯޗު އާނޭ ސްލޮޓް ވެސް ބުނީ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.