ޚަބަރު

ހަފުތާއަކަށް ފަހު އަފްޣާނިސްތާނާއި ޕާކިސްތާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެއްޖެ


ޕާކިސްތާނާއި އަފްޣާނިސްތާނުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެއްޖެއެވެ. ޤަޠަރުގެ ވެރިރަށް ދަވްޙާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި މި ވަނީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރުމަށް ފަހުއެވެ. އަދި، ދޮޅަހަކަށް ވުރެ ގިނަ މީހުން ފުރާނަ ގެއްލުނު ފަހުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަން ދެ ފަރާތުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިއީ، 2021ވަނަ އަހަރު ނިރުބަވެރި ޖަމާޢަތް، ޠާލިބާނުން އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ވެރިކަން ފޭރިގަތް ފަހުން ދެކުނު އޭޝިޔާގެ ދެ އަވައްޓެރިންގެ ދެމެދުގައި ބަދަލު ކޮށްފައިވާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތެކެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚުވާޖާ މުޙައްމަދު ޢާޞިފެވެ. ޠާލިބާނުންގެ ތަރުޖަމާނު ޒަބީޙުالله މުޖާހިދު ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ ޤަޠަރާއި ތުރުކީވިލާތުން ގުޅިގެންނެވެ. ވަޒީރު ޢާޞިފް ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބޭއްވުމަށް އޮކްޓޫބަރު 25ވަނަ ދުވަހު އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ޤަޠަރުން ބުނީ، އެ ބައްދަލުވުންތަކުގެ މަޤުޞަދަކީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރުން ކަމުގައެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކަކާ މެދު އެއްބަސްވުން ކަމުގައެވެ.

ދަވްޙާގައި ކުރަމުންދާ މަޝްވަރާތަކުގައި ޕާކިސްތާން ތަމްސީލު ކުރައްވަނީ ވަޒީރު ޢާޞިފެވެ. އަދި، ޠާލިބާނުން ތަމްސީލު ކުރަމުން ދަނީ އެ ޖަމާޢަތުގެ ސަރުކާރުގެ ދިފާޢީ ވަޒީރު މުޙައްމަދު ޔަޢުޤޫބެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ދޮޅަހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި، ސަތޭކައެއްހާ މީހުން ވަނީ ޒަޚަމުވެފައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ޙަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތައް ވެސް ބޭނުން ކޮށްފައެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުގެ މެންބަރުންނަށް ޙިމާޔަތް ދިނުން ހުއްޓައިލުމަށް އެ ޤައުމުން ކާބުލްގެ ސަރުކާރަށް ގޮވައިލުމުންނެވެ. ޕާކިސްތާނުގެ ނިރުބަވެރި ޖަމާޢަތްތަކުގެ މެންބަރުން އަފްޣާނިސްތާނުގައި މިނިވަންކަމާ އެކު ހަރަކާތްތެރިވަމުންދާ ކަމުގެ ތުހުމަތު ޠާލިބާނުންގެ ސަރުކާރުން ދޮގު ކުރެއެވެ.

ކާބުލްގެ ސަރުކާރުން ވެސް ވަނީ ޕާކިސްތާންގެ ސަރުކާރާ މެދު ތުހުމަތުތަކެއް ކޮށްފައެވެ. ޠާލިބާނުން ބުނީ، އަފްޣާނިސްތާނުގައި ނިރުބަވެރި ހަރަކާތްތައް ހިންގަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޕާކިސްތާނުގެ ސަރުކާރުން ވާގިވެރިވާ ކަމުގައެވެ. އަދި، އެއީ ނިރުބަވެރި ޖަމާޢަތް، އައިއެސާ ގުޅުން އޮތް ބަޔެއް ކަމުގައި ވެސް ޠާލިބާނުން ތުހުމަތު ކުރެއެވެ. ނަމަވެސް، އިސްލާމްއާބާދުން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.