ބްރޭކަކަށްފަހު އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދަށްވެގެން ހަވަނަ ހޯދަންޖެހޭކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ނަޒީހު ބުނީ ޔޫވީގެ ސްކޮޑަށް ބަލާއިރު އެއީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެއްކަމަށް ގަބޫލުކުރާކަމަށެވެ.
ލީގުގެ މެޗުތައް އަލުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޒީހު ބުނީ ޔޫވީއިން އަސްލު ބޭނުންވަނީ ލީގުގެ އެއްވަނަ ހޯދަންކަމަށާ އެހެންނަމަވެސް އެއީ އަދި ކުރެވިދާނެކަމެއްކަމަށް ގަބޫލުނުކުރާކަމަށެވެ. އެހެންނަމަވެސް ޓީމުގެ ސްކޮޑަށް ބަލާއިރު ދަށްވެގެން ހަވަނަ ހޯދޭނެކަމަމުގެ އުންމީދު އެބައޮތްކަމަށް ނަޒީހު ފާހަގަކުރިއެވެ.
"އަސްލު ނިންމާލަން ބޭނުމީ އެންމެ ކުރީގަ. އެކަމު އެއީ ރިއަލިސްޓިކް އެއްޗެއް ނޫން. ހުދު ދައްކާފަ ކަޅޭ ބުނެފިއްޔާ އެވާނީ ދޮގަކަށް، އެހެންވީމަ ޔޫވީގެ މިހާރު މިއޮތް ސްކޮޑަށް ބަލާއިރު ޔޫވީ ނިންމަންޖެހޭނެ ހައެއްގެ ތެރޭގަ. އެއީ ޔަގީން ވަރެއް. ދެން ފަހެއް ހަތަރަކަށް އަރައިފިއްޔާ އެއީ ވަރަށް ރަނގަޅު ނަތީޖާއެއް" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޔޫވީއިން ގަދައަޅާ މަސައްކަތްކުރަމުން އަންނަނީ ޓީމެއްގެ ގޮތުގައި ފަރިތަކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށްކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރަކީ ކްލަބް މޯލްޑިވްސްގެ މެޗުތައްވެސް ކުރިއަށްދާ ދުވަސްވަރަކަށްވުމުން ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކަށް ހަމަނުވުމުގެ ދަތިކަން އަންނަމުންދާކަން އޭނާ ފާހަގަކުރިއެވެ. މިގޮތުން ޔޫވީން މިހާތަނަށް ކޮށްފައިވާ 52 ދުވަހުގެ ޓްރެއިނިންގެ ތެރެއިން، ޓީމު އެއްކޮށް ކުރެވިފަވަނީ އެންމެ 28 ދުވަހުގެ ޓްރެއިނިންކަމަށާ އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް މާބޮޑު ކުރިއެރުމަށް އައިސްފައިނުވާކަމުގެ ކަންބޮޑުވުން ނަޒީހު ފާޅުކުރިއެވެ.
"މާބޮޑު އިމްޕްރޫވްމެންޓްތަކެއް ނާންނާނެ، މިހާރު މިކުޅެނީނު ފުޓްސެލް މުބާރާތެއް، އޭގެ ސަބަބުން ގާތްގަނޑަކަށް ޔުނައިޓެޑް ވިކްޓަރީގެ ހަތް ކުޅުންތެރިންގެ މުޅި 52 ދުވަހުގެ ޓްރެއިނިންގެ ޖުމްލަ ޓްރެއިނިން އެންމެން އެއްކޮށްލީމަ އަރަނީ 28. ދެން ކިހިނެތް އިމްޕްރޫވްކުރާނީ؟ އެހެންވީމަ މިހުރިހާކަމެއް ނިމުނީމަ ހީވަނީ ރަނގަޅުވާނެހެން" ނަޒީހް ބުންޏެވެ.
ޓީމުގެ ކުޅުން ބައްޓަންކޮށްފައިވާގޮތާ ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނަޒީހު ބުނެފަވަނީ ޓީމަށް އިރުޝާދުދީފައިވާނީ ކުރިއަށް ނުކުމެ ހަމަލާތައް އުފެއްދުމަށްކަމަށެވެ. އަދި ޔޫވީއިން ލީގުގައި ހަމަޖެހިލަން ބޭނުންނަމަ ކޮންމެހެންވެސް ބާރަ ޕޮއިންޓު ހޯދަންޖެހޭކަމަށް ނަޒީހު ފާހަގަކޮށްފަވެއެވެ.