ކުޅިވަރު

ފީފާ ރޭންކިންގައި ރާއްޖެ އަނެއްކާވެސް ފަހަތަށް


ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރޭންކިންގައި އަނެއްކާވެސް ރާއްޖެ ދެ ދަރަޖަ ފަހަތަށް ހިނގައްޖެއެވެ.

އިއްޔެ ނެރުނު ރޭންކިންގައި ރާއްޖެ ހިމެނެނީ 173 ވަނައިގައެވެ. ކުރިން ރާއްޖެ އޮތީ 171 ވަނައިގައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ފަހަރު ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝް ފިޔަވައި އެހެން ހުރިހާ ގައުމެއްވެސް ވަނީ ފަހަތަށް ޖެހިފައެވެ.

ހުސްވި މަހު ރާއްޖެ އަތުން ބަލިވި ލަންކާއަށް ހަތަރު ދަރަޖައިގެ ކުރިއެމެއް ލިބުނުއިރު، ބަންގްލަދޭޝް އާއި ޕާކިސްތާން ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިފައެވެ. ސަރަހައްދުގެ އެއްވަނައިގައި އޮތް އިންޑިއާވެސް ވަނީ ދެ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ސާކް ގައުމުތަކުގެ ތެރެއިން އިންޑިއާ އެއްވަނައިގައި ވަނީ 136 ޕޮއިންޓާއެކުގައެވެ.

ސާކް ގައުމުތަކުގެ ރޭންކިން:
1. އިންޑިއާ - 136 ވަނަ
2. ދިވެހިރާއްޖެ - 173 ވަނަ
3. ނޭޕާލް - 180 ވަނަ
4. ބަންގްލަދޭޝް - 183 ވަނަ
5. ބޫޓާން - 189 ވަނަ
6. ސްރީ ލަންކާ - 193 ވަނަ
7. ޕާކިސްތާން - 198 ވަނަ

މި ފަހަރުގެ ރޭންކިންގައިވެސް ދުނިޔޭގެ އެއްވަނަ މަގާމުގައި ވަނީ ސްޕެއިނެވެ. ދެވަނައިގައި އާޖެންޓީނާ އޮތްއިރު، ތިންވަނައިގައި އޮތީ ފްރާންސެވެ.