އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް މިލިޔަން ޓިކެޓު ވިކިއްޖެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާގެ ފަރާތުން މިކަން އިއުލާންކުރީ އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އޭނާ ވިދާޅުވީ މިއީ އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގެ ފޯރި ހިފާފައިވާ ކަމުގެ އަލިގަދަ ދަލީލެއް ކަމަށެވެ.
މިއީ ވިސާއާ ނުލައި ވިއްކުމުގެ މަރުހަލާގައި ވިކުނު ޓިކެޓް ކަމަށްވާއިރު މުބާރާތުގެ ފޯރި އަދިވެސް ގަދަވާނެ ކަމަށް ފީފާއިން އަންދާޒާ ކުރެ އެވެ.
ދުނިޔޭގެ 212 ގައުމަކުން ޓިކެޓް ގަނެފައިވާއިރު އެންމެ ގިނަ އަދަދަކަށް ޓިކެޓް ގަތީ ވެސް މުބާރާތް ބާއްވާ ތިން ގައުމުންނެވެ. އޭގެ ފަހަތުން އިނގިރޭސިވިލާތާއި ޖަރުމަނާއި ބްރެޒިލް އަދި ސްޕޭނާއި ކޮލަމްބިއާ އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ފްރާންސްގެ މީހުން ވެސް ވަނީ ގިނަ އަދަދަކަށް ޓިކެޓް ގަނެފަ އެވެ.
ކޮންމެ ހަތަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ މި މަރުހަލާގެ ޓިކެޓް ވިއްކަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއަދު އަހަރުމެން ފާހަގަ މި ކުރީ އެއް މިލިއަން ޓިކެޓް ވިކުމުގެ މަރުހަލާ ފާއިތުވެދިއުން. މިއީ ވިސާއާ ނުލައި ޓިކެޓް ގަތް މީހުންގެ އަދަދު. މިކަމުން ޔަގީންކޮށްދެނީ މިހާތަނަށް ބާއްވާ އެންމެ ފޯރިގަދަ މުބާރާތަށް މި މުބާރާތް ވެގެންދާނެ. މުޅި ދުނިޔޭގައި މި ފޯރި އޮންނާނެކަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
ވޯލްޑް ކަޕަށް މިހާތަނަށް ވަނީ 28 ގައުމެއް ކޮލިފައިވެފަ އެވެ. ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތުގައި މި ފަހަރު 104 މެޗު ކުޅޭނެ އެވެ. މި ގޮތުން މުބާރާތް ބާއްވާ ތިން ގައުމެއްގެ 16 ސްޓޭޑިއަމެއްގައި މެޗުތައް ކުޅެން ހަމަޖައްސާފައިވާއިރު ސަލާމަތީ ބައެއް ސަބަބުތަކާހުރެ އެމެރިކާގައި މުބާރާތް ކުޅޭ ބައެއް ސިޓީތައް ބަދަލު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. ނަމަވެސް ގިނަ ބަޔަކު ފާހަގަ ކުރަނީ މިއީ ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ޓްރަމްޕް ޒާތީ ގޮތުން ދައްކަވާ ވާހަކަތަކެއް ކަމަށެވެ.