ޚަބަރު

އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރގައި ރާއްޖެ އިޝްތިހާރުކޮށްފި


  • މިފެއަރ އޮތީ ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި

  • މިފެއަރގައި ރާއްޖޭގެ 20 ކުންފުންޏަކުން ބައިވެރިވެފައިވޭ

  • މިފެއަރގައި ވީއެމްސީން 99 އަކަފޫޓުގެ ސްޓޭންޑެއް ބަހައްޓާފައިވޭ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާ 2025ގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މިފެއަރ ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ. އަދި މިއަހަރުގެ ފެއަރގައި ވީއެމްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން 32 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފެއާރގައި ވީއެމްސީއިން ވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ 99 އަކަފޫޓުގެ ސްޓޭންޑެއް ބަހައްޓާފައެވެ. މީގެ އިތުރުން، މި ސްޓޭންޑުގައި 22 ކައުންޓަރާއި، ތިން ފްލޯޓިންގ މޭޒުގެ އިތުރުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ކައުންޓަރެއްވެސް ބަހައްޓާފައިވެއެވެ.

މި ސްޓޭންޑުތަަކަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖެއާއި ގުޅޭ މައުލޫމާތުތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކޮށްފައިވާނެކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.

ވީއެމްސީއިން ވިދާޅުވީ، މިފެއަރގެ ސަބަބުން އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި މީޑިއާތަކާއެކު ހަރުދަނާ ގުޅުމެއް އުފެއްދުމަށް ފަސޭހަވެގެންދިޔަކަމަށެވެ. އަދި މިފެއަރގައި ބައިވެރިވުމަކީ، އޭޝިއާ ޕެސިފިކް މާކެޓް ފުޅާކޮށް، ހުރިހާ ކެޓަގަރީއަކުންވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއްކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާއަކީ އޭޝިއާ ޕެސިފިކް ޓްރެވަލް އިންޑަސްޓްރީގެ ޕްރައިމަރީ އިވެންޓަކަށް ހެދުމަށް ފަރުމާކޮށްފައިވާ މި ސަރަހައްދުގެ ލީޑިންގ ޓްރެވަލް ޓްރޭޑް ފެއަރތަކުގެ ތެރެއިން އެއް ފެއަރއެވެ. މި ފެއަރގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި ޔޫރަޕާއި އެމެރިކާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއެވެ.

ކޮންމެ އަހަރަކުވެސް އޭޝިއާ އަދި ޕެސިފިކް މާކެޓުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންދާއިރު، މި މާކެޓަށް ހާއްސަކޮށްގެން ވީއެމްސީިއިން ދަނީ ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް، އަދި ތައިލޭންޑުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.